ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާއިން ކުޅުނު މެޗުގައި ފަހުވަގުތު ޖިރޯނާ ބަލިކޮށްފިއެވެ.
ބާސާއިން އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުން އެޓީމު މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗު އެއްވަރުގެން ނިމެން ދަނިކޮށް، ފަހުވަގުތު ބާސާއިން ތިން ޕޮއިންޓް ޔަގީންކުރުމާއެކު އެޓީމުން ވަނީ އަލުން އެއްވަނައަށް ޖެހިލައިފައެވެ.
މިރޭގެ މެޗު އެއްވަރުވި ނަމަ، އެއްވަނައިގައި އޮންނާނީ ރެއާލް މެޑްރިޑެވެ. އެ ހާލަތު ބާސާއިން ބަދަލުކޮށްލާފައި ވަނީ މިހާތަނަށް ކުޅުނު ނުވަ މެޗުން 22 ޕޮއިންޓާއެކުގައެވެ.
މެޗު ރަނގަޅަށް ފެށީވެސް ބާސާއިންނެވެ. އެޓީމުން ވަނީ 13 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. ލަމީން ޔަމަލާއެކު ރަނގަޅު ޕާސްތަކެއް ޖަހައި، އެ ގޯލް ޖަހައިދިނީ ޕެޑްރީއެވެ.
އޭގެ ހަތް މިނެޓް ފަހުން، އެކްސެލް ވިޓްސެލް ވަނީ ޖިރޯނާއަށް ނަތީޖާ އެއްވަރު ކޮށްދީފައެވެ. ކެޕްޓަން އަރްނައު މާޓިނޭޒް ޖައްސާލި ބޯޅަ ވިޓްސެލް ގޯލަށް ވައްދާލީ ތަފާތު ހުނަރުވެރި ގޮތަކަށެވެ.
އޭގެފަހުން ދެޓީމުންވެސް ހަމަލާތައް ފެނިގެން ގޮސްފައިވާ އިރު، ޖިރޯނާގެ ލަޑްސްލޭވް ވަނަޓާއި ޕޯޓު އަތުން ރަނގަޅު ފުރުސަތުތަކެއް ގެއްލިގެން ދިޔައެވެ. އަނެއްކޮޅުން މާކަސް ރަޝްފޯޑާއި ފާމިން ލޮޕޭޒް ފޮނުވާލި ހަމަލާތައް އަމާޒުވީ ދަނޑިއަށެވެ.
މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް، އެންމެ ފަހު މިނެޓުގައި ގޯލް ޖަހައި ރޮނާލްޑް އަރައޫހޯ ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ. އެ އުފާފާޅުކުރުމުގެ ތެރެއިން ބާސާ ކޯޗު ހާންސީ ފްލިކް ބެންޗުންވެސް ފޮނުވާލިއެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ