އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލާއި މެންޗެސްޓާ ސިޓީން ކުޅުނު މެޗުތައްވެސް ކާމިޔާބު ކޮށްފިއެވެ.

މިރޭ އާސެނަލުން ރަށުން ބޭރުގައި ކުޅުނު މެޗުގައި ފުލަމް ބަލިކުރީ 0-1 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ލީގުގައި ކުޅުނު އަށް މެޗުން އާސެނަލަށް 19 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި މިވަގުތު އޮތީ ސިޓީއެވެ. އެއީ މިރޭ ކުޅުނު މެޗުގައި 2-0 އިން އެވަޓަން ބަލިކޮށް، އަށް މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ.

ތިންވަނައިގައި އޮތް ލިވަޕޫލުން މާދަމާ ރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެ، ދެވަނައަށް އެރުމަށް ފުރުސަތު އޮތް އިރު، އެޓީމަށް ވަނީ ހަތް މެޗުން 15 ޕޮއިންޓް ލިބިފައެވެ.

މިރޭގެ މެޗަށް އާސެނަލުން ނުކުތީ ކެޕްޓަން މާޓިން އޮޑެގާޑާ ނުލައެވެ. އެއީ އަނިޔާގެ ސަބަބުންނެވެ. އޭނާގެ ބަދަލުގައި އެބެރެޗީ އެޒޭ ކުޅެން ނުކުމެފައިވާ އިރު، ފުރަތަމަ ނުރައްކާ ކުރީ ފުލަމްއިންނެވެ.

ހެރީ ވިލްސަންއާއި ޖޯޝް ކިންގްގެ ހަމަލާތައް އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ މަތަކޮށްފައިވާ އިރު، އާސެނަލުން މަޑުމަޑުން މެޗު ތެރެއަށް ވަދެ ކުޅުން ރަނގަޅުކުރިއެވެ.

ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައި އާސެނަލުން ލީޑު ނެގިއެވެ. ބުކަޔޯ ސަކާގެ ކޯނަރެއްގައި ގެބްރިއަލް ބޮލުން ޖައްސާލި ބޯޅަ ގޯލަށް ވައްދާލީ ލެއާންޑްރޯ ޓްރޮސާޑެވެ.

އޭގެފަހުން ސަކާއަށް ފައުލް ކުރި ކަމަށް ބުނެ، އާސެނަލުން ޕެނަލްޓީއެއް ހޯދުމަށް ޝަކުވާ ކުރި ނަމަވެސް ވީއޭއާރް ބަލައި، ރެފްރީ ޕެނަލްޓީ ދީފައެއް ނުވެއެވެ.

ސިޓީން އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި އެޓީމުގެ ތަރިއަކަށްވީ ފޯމުގައި ހުރި ނޯވޭގެ ފޯވަޑް އާލިން ހާލަންޑެވެ. އޭނާ މެޗުގައި ދެ ގޯލް ޖެހި އިރު، މިދިޔަ ހަފުތާގެ އިންޓަނޭޝަނަލް ބްރޭކްގައިވެސް އޭނާ ވަނީ ރަނގަޅު ފޯމެއްގައި ކުޅެފައެވެ.

މިހާތަނަށް ސީޒަނުގައި ހާލަންޑް ކުޅުނު 13 މެޗުގައި އޭނާ ވަނީ 23 ގޯލް ޖަހައިފައެވެ.

އޭގެ އިތުރުން ސިޓީގެ ނިކޯ އޯރެއިލީއާއި ސަވީނިއޯގެ ހަމަލާތައް ފެނިގެން ގޮސްފައިވާ އިރު، ހާލަންޑްގެ ހަމަލާއެއް ދަނޑިއަށްވެސް އަމާޒުވިއެވެ. އޭގެ އިތުރުން އެވަޓަންގެ އިލިމަން އެންޑިއާއޭއާއި ބެޓޯ ނުރައްކާކުރިއެވެ.

ބެޓޯގެ ހަމަލާ އަމާޒުވީ ދަނޑިއަށެވެ.