އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީން މިރޭ ކުޅުނު މެޗުގައި ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފިއެވެ.

ރަށުން ބޭރުގައި ޗެލްސީން މިރޭ ފޮރެސްޓް ބަލިކުރީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއަދުގެ މެޗަށް ނުކުތްއިރުވެސް ފޮރެސްޓް ކޯޗު އާންގޭ ޕޮސްޓެކޮގްލޫއަށް އޮތީ ޕްރެޝަރު ބޮޑުވެފައެވެ. 60 އަހަރުގެ ކޯޗު ޕޮސްޓެކޮގްލޫ ފޮރެސްޓާ ހަވާލުވީ މީގެ 39 ދުވަސް ކުރިންނެވެ. ނޫނޯ އެސްޕިރިޓޯ ސަންޓޯގެ ބަދަލުގައި ޕޮސްޓެކޮގްލޫ ކްލަބާ ހަވާލުވި ފަހުން ކުޅުނު އަށް މެޗުންވެސް އެޓީމު ވަނީ މޮޅެއް ނުހޯދިއެވެ.

މިއަދުގެ މެޗުން ބަލިވިތާ 19 މިނެޓް ފަހުން، ކްލަބުން ވަނީ ކޯޗު ޕޮސްޓެކޮގްލޫ މަގާމުން ވަކިކޮށްފައެވެ.

ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ފޮރެސްޓުން ނުރައްކާ ކުރިއެވެ. މޯގަން ގިބްސް ވައިޓަށް ފުރަތަމަ ހާފުގައި ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވި އިރު، އަނިޔާއަށްފަހު އެނބުރި އައި ޓައިވޯ އަވިއޯނީއަށްވެސް ރަނގަޅު ފުރުސަތެއް ލިބި، ބޭކާރުވިއެވެ.

ފުރަތަމަ ހާފުގައި ފޮރެސްޓުން ރަނގަޅަށް ކުޅުނު ނަމަވެސް، ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ، ޗެލްސީން ފުލުފުލުގައި ދެ ގޯލް ޖެހިއެވެ. އެއީ ބަދަލުތަކަކާވެސް އެކުގައެވެ. ދެވަނަ ހާފަށް ޗެލްސީން ވަނީ އެޓީމުގެ ތަރި މޮއިސެސް ކައިސޭޑޯވެސް ކުޅެން ނެރެފައެވެ.

ހާފު ފެށިގެން އިރުކޮޅެއް ނުވެ، ޕެޑްރޯ ނެޓޯގެ ހުރަހަކުން ޖޯޝް އަޗެއަމްޕޮންގް ގޯލް ޖެހި އިރު، އޭގެ ހަތަރު މިނެޓް ފަހުން ނެޓޯ ވަނީ ހިލޭ ޖެހުމެއް ގޯލެއް ޖަހައިފައެވެ. .

މެޗުގެ ދެވަނަ ހާފު މެދުތެރެއިން ފޮރެސްޓްގެ ވެރިޔާ ސްޓޭޑިއަމް ދޫކޮށް ގޮސްފައިވާ އިރު، ޗެލްސީން ނިންމާލީ ރީސް ޖޭމްސް ޖެހި ގޯލަކުންނެވެ.