ތަރައްގީގެ ނަމުގައި ހިންގާ ހުރިހާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް ފަސް އަހަރަށް ހުއްޓާލަން ޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންކުރީޓަކީ ތަރައްގީއެއް ނޫން ކަމަށާއި ގިނަފަހަރު ކޮންކުރީޓު ތަރައްގީއަކީ ދަރަނި ކަމަށެވެ.
"ތަރައްގީގެ ނަމުގައި ހިންގާ ހުރިހާ އުމްރާނީ މަސައްކަތް ހަތަރު، ފަސް އަހަރަށް ހުއްޓާލުން މުހިންމު. ކުރިއަށް އޮތް އިންތިހާބުގެ ޝިއާރަކަށް ވާންވީ "އެހަށް މަޑުކޮށްލާ'. ދެން ވެރިކަމަށް އަންނަ ރައީސަށް ވައުދުވާންވީ މަޑުޖެހިލަން" ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ ތަނަވަސްކަން އިތުރުވާނީ ބަޖެޓު އަރަނިވެގެންނާއި ރިޒާވް އިތުރު ކުރެވިގެންކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ދަރަނިވެސް ކުޑަކުރެވިގެންކަމަށް ނަޝީދު ވިދާޅުވިއެވެ.
ދިވެހިންނަކީ ތަންދޮރު ދަންނަ ހޭލުންތެރި ބައެއް ކަމަށާއި ގައުމަށް ވާނެގޮތާއި އެ މަނިކުފާނު ދައްކަވާ ވާހަކަ ރައްޔިތުންނަށް ސާފުވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.
ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ރާއްޖެއިން ބޭރުން ނަގައިފައިވާ ދަރަނީގެ އަދަދު 149 ބިލިއަން ރުފިޔާއަށް އަރައެވެ.
އޭގެ ތެރެއިން 16 ބިލިއަން ރުފިޔާގެ ދަރަނި މިއަންނަ އަހަރު ދައްކަންޖެހެއެވެ.
ނަޝީދު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އުތުރުގައި ހަތަރު އެއާޕޯޓު އޮއްވައި، އިތުރު ހަތަރު އެއާޕޯޓު ތަރައްގީކުރުން ކޮންމެހެން މުހިންމު ނޫން ކަމަށެވެ. ނަޝީދު ވިދާޅުވެފައިވަނީ އުތުރުގައި އެއާޕޯޓުތައް ހަދަނީ ލޯންޗުގައި 19-36 މިނެޓާ ދޭތެރޭ ދެވޭހާ ކައިރި ކައިރީގައި ކަމަށެވެ. އެކަމުގެ ސަބަބުން ހުރިހާ އެއާޕޯޓެއްގެވެސް އިގުތިސޯދީ ނުވަތަ މާލީ ދެކޮޅުޖެހުމެއް ނޯންނާނެ ކަމަށެވެ.
"ނަތީޖާއަކީ ހުރިހާ އެއާޕޯޓެއްގެވެސް އިގުތިސޯދީ/ މާލީ ދެކޮޅު ޖެހުމެއް ނެތުން، ގައުމީ އެއާލައިންއަށް ދެއުޅިއެއްނުވާ ހަރަދުތަކެއް ހިންގަން ޖެހުން އަދި ލޯކަލް ޓޫރިޒަމްއަށްވެސް ކުރަންވީ މަންފާ ނުކުރުން، ސްޕީޑް ބޯޓުގައި ދެވޭ ހިސާބުގައި އެއާޕޯޓަކަށްފަހު އެއާޕޯޓެއް އަަޅަމުން ދިއުމުން ފެންނާނީ ދަތުރުފަތުރުގެ ގުޅިފައިވާ ނިޒާމެއްގެ އަމާޒާއި ޕްލޭން ނެތްކަމާއި ޒިންމާދާރުކަން ކުޑަކަން،" ނަޝީދު ވިދާޅުވެފައިވެއެވެ.
ގިނަ އެއާޕޯޓުތަކެއް ހަދާތީ އަމާޒުކުރާ ފާޑުކިޔުންތަކާ ގުޅިގެން ށ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ކޮމަންޑޫގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވެފައިވަނީ، ޓޫރިޒަމް ދާއިރާއަށް އިންވެސްޓަރުންގެ ޝައުގުވެރިކަން އުފެއްދުމަށް ބައެއް ސަރަހައްދުތަކަށް ގިނަ އެއާޕޯޓުތައް ބޭނުންވާ ކަމަށެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު