ކޮޅުވެއްޓިން ގެއްލުނު އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ރޭ ފަތިހު 4:44 ގައި ކޯސްގާޑު މީޑިއާއިން ބުނިގޮތުގައި ބަންޑުންޖަހާލާފައިވަނީ މާލެއިން ފުރައިގެން އެރިޔަދޫއަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ކޮޅުވެއްޓިއެކެވެ.
އެ އުޅަނދުން 7 މީހަކު ދަތުރުކުރި ކަމަށާއި މިހާތަނަށް 4 މީހަކު ސަލާމަތް ކުރެވިފައިވާ ކަމަށްވެސް އެމްއެންޑީއެފުން އޭރު ބުންޏެވެ.
ގެއްލުނު ތިން މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި އިންޑިއާ މީހަކާއި ލަންކާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިއަދު "ވަން"އަށް ބުނީ ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލިގެން ހޯދަމުންދިޔަ ތިން މީހުންގެ ތެރެއިން އެކަކު ފެނިފައިވާ ކަމަށާއި އެ މީހާ ފެނިފައިވަނީ މަރުވެފައި އޮއްވާ ކަމަށެވެ. އަނެއް ދެމީހުން އަދި ނުފެންނަ ކަމަށްވެސް ބުންޏެވެ.
"އެކަކު މަރުވެފައި އޮއްވާ ފެނުނީ. ޔަގީން ނުވަނީ އެއީ އިންޑިއާ މީހާކަމެއް ނުވަތަ ލަންކާމީހާކަމެއް ނުވަތަ ރާއްޖެ މީހާކަމެއް. ކޯސްޓްގާޑުގެ ޓީމުން މައުލޫމާތު ދިނީ މިއަދުގެ 8:04 ހާއިރު. އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުންދަނީ" ފުލުހުން ބުންޏެވެ.
މެރިން ފުލުހުން ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހުން ތިބީ ކޮޅުވެއްޓީގައި އޮތް އެކްސްކަވޭޓަރެއްގެ ތެރޭގައިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މި ދުވަސްވަރު ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވުމުުގެ ސަބަބުން ކަނޑުދަތުރު ކުރުމުގައި ސަމާލު ވުމަށް މޫސުމާބެހޭ އިދާރާއިންނާއި ކޯސްޓްގާޑުން އަންނަނީ އިލްތިމާސްކުރަމުންނެވެ.
ފާތިމަތު ލިއުޝާ
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް