ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، އުމުރުން 16 އަހަރުން ދަށުގެ އުމުރުފުރާއަށް ހާއްސަކޮށްގެން "މެސީ ކަޕް" ބާއްވަން އިއުލާނު ކޮށްފިއެވެ.
މިހާރު އެމެރިކާ ލީގުގެ އިންޓަ މިއާމީއަށް ކުޅެމުން އަންނަ މެސީ، އަމިއްލަ މުބާރާތެއް ހޯސްޓް ކުރަން ނިންމާފައި ވަނީ އެމެރިކާގައެވެ. މިއަހަރު ޑިސެމްބަރު މަހުގެ ނުވަޔަކުން 14 އަށް އިންޓަ މިއާމީގެ ޓްރެއިނިން ސެންޓަރުގައި އޮންނަ ޗޭސް ސްޓޭޑިއަމްގައި މެޗުތައް ކުޅެން ނިންމާފައިވާ އިރު، ވާދަކުރާނީ 8 ޓީމެކެވެ.
އެ މުބާރާތުގައި ވާދަކުރާ 8 ޓީމަކީ މެސީ ދައުވަތު ދީގެން ވާދަކުރާނެ 8 ޓީމެވެ. މިހާރު ނިންމާފައިވާ ގޮތުން މުބާރާތުން ފެނިގެންދާނީ އިންޓަ މިއާމީ، ބާސެލޯނާ، މެންޗެސްޓާ ސިޓީ، ރިވާ ޕްލޭޓްގެ އިތުރުން މެސީގެ ފުރަތަމަ ކްލަބު ނިއުވެލްސް އޯލްޑް ބޯއީސް، އެތުލެޓިކޯ މެޑްރިޑް އަދި ޗެލްސީގެ ޒުވާން ޓީމުތަކެވެ.
މެސީ ކަޕްގެ ގްރޫޕް ސްޓޭޖު، ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ހަ ދުވަހުގެ ތެރޭގައި 18 މެޗު ކުޅެން ވަނީ ރާވައިފައެވެ.
މެސީ، މިހާތަނަށް ރެކޯޑު 8 ފަހަރު ބެލޮންޑިއޯ ހޯދާފައިވާ އިރު، ކްލަބު ލެވެލްގެ އިތުރުން ގައުމީ ޓީމުގައިވެސް އޭނާ ވަނީ ހުރިހާ ކާމިޔާބީއެއް ހޯދައިފައެވެ. އޭގެ ތެރޭގައި 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްވެސް ހިމެނެއެވެ.
މުޙައްމަދު ޝަމްޢޫން
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ