އަންނަ އަހަރު އުތުރު އެމެރިކާގައި ބާއްވަން ތައްޔާރުވާ ވޯލްޑް ކަޕްގެ މެޗުތައް ބޮސްޓަންގައި ނުބާއްވަން ވިސްނަވާ ކަމަށް ވިދާޅުވެ، އެ ސިޓީގެ މޭޔަރަށް އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕް ބިރުދައްކަވައިފިއެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕުގެ މެޗުތައް އެމެރިކާއާއި މެކްސިކޯގެ އިތުރުން ކެނެޑާގައި ހޯސްޓް ކުރަން ނިންމާފައިވާ އިރު، ބޮސްޓަންގައި ހަތް މެޗެއް ކުޅެން ވަނީ ތާވަލު ކޮށްފައެވެ. އެއީ ފޮކްސްބޮރޯގެ ޖިލެޓް ސްޓޭޑިއަމްގައެވެ.
ބޮސްޓަންގައި ޓްރަމްޕްގެ ސިޔާސަތުތަކަށް ފާޑުކިޔާ ބޮޑެތި މުޒާހަރާތަކެއް ކުރަމުންދާ އިރު، މާދަމާއަށް އިތުރު މުޒާހަރާއެއްވެސް ތާވަލުކޮށްފައިވެއެވެ. އެ މުޒާހަރާތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެ ސިޓީގެ އާއްމު ހާލަތު ކަންބޮޑުވާ މިންވަރަށް ގޮސްފައިވާ ކަމަށާއި، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ދަންނަވައިގެން ވޯލްޑް ކަޕް މެޗުތައް ނުބޭއްވޭ ގޮތެއް ހޯއްދަވަން ވިސްނަވާ ކަމަށެވެ.
ޓްރަމްޕް ވިދާޅުވެފައި ވަނީ ބޮސްޓަންގެ ރައްޔިތުންގެ ދެކެ ލޯބިފުޅުވާ ކަމަށާއި، މެޗުތަކުގެ ޓިކެޓް ވިކި ހުސްވާން ކައިރިވެފައިވާކަން އެނގިވަޑައިގެންނެވި ނަމަވެސް، ބޮސްޓަންގެ މޭޔަރު މިޝޭލް ވޫއަކީ ފިނޑިއެއް ކަމަށެވެ.
ޓްރަމްޕް އެހެން ވިދާޅުވީ ބޮސްޓަންގައި ކުރަމުންދާ މުޒާހަރާތަކަށް ބާރުގެ ބޭނުންކޮށްގެން ހުރަސް އަޅަން މޭޔަރު ހުއްދަ ނުދެއްވާތީ ކަމަށް ހަބަރުތައް ބުނެއެވެ. ޓްރަމްޕް ވިދާޅުވީ މޭޔަރު ކުޅުއްވަނީ ސިޔާސީ ގޭމެއް ކަމަށެވެ.
އެކަމުގައި މޭޔަރުވެސް ވަނީ ޓްރަމްޕަށް ރައްދު ދެއްވައިފައެވެ. މޭޔަރު ވޫ ވިދާޅުވީ ވޯލްޑް ކަޕް މެޗުތައް ހޯސްޓް ނުކުރެވޭނެ ގޮތެއް ޓްރަމްޕަށް ނުހޯއްދެވޭނެ ކަމަށާއި، އެކަމުގައި ޓްރަމްޕާ ދެކޮޅަށް ނުކުންނަވާނެ ކަމަށެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026