ށ. ފުނަދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

ށ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފުނަދޫގައި މިރޭ ބޭއްވި ޖަލްސާގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.

އެ ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފުނަދޫ ކައުންސިލްގެ މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީން ބުނީ ފުނަދޫ ހޮސްޕިޓަލުގެ މަސައްކަތް ނިމުމާއެކު، ރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ހޯދާ ސިއްހީ ފަރުވާގެ ހިދުމަތްތައް ފުޅާވެގެންދާނެ ކަމަށް ދެކޭ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވެ އިޖުތިމާއީ ގޮތުން ރަށަށް ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން 50 މީހުންގެ ޖާގައިގެ ހަތަރު ފަންގިފިލާގެ އިމާރާތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން އެއް ފަންގިފިލާގެ އެހެނިހެން ހިދުމަތްދެވޭނެ ބަޔަކާއި ވަށައިފާރެއްވެސް ރާނާނެއެވެ.

އެ މަޝްރޫއަކީ 185.45 މިލިއަން ރުފިޔާއަށް 780 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.