ށ. ފުނަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

ށ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފުނަދޫގައި މިރޭ ބޭއްވި ޖަލްސާގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.

އެ ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފުނަދޫ ކައުންސިލްގެ މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މަސްވެރި ރަށެއްގެ ގޮތުގައި ފާހަގަކޮށްލެވޭ 2,800 މީހުންގެ އާބާދީއެއް އޮންނަ ފުނަދޫގައި މިހާރު އޮތް ބަނދަރުގެ ޖާގައިގެ ދަތިކަން މަސްވެރިންނާއި ރަށު ރައްޔިތުން ދަނީ ތަހައްމަލުކުރަމުންނެވެ.

އެމްޓީސީސީން ބުނީ މިއަދު ސޮއިކުރެވުނު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، މަސްވެރި އުޅަނދުތައް އަޅާފައި ބާއްވާނެ ޖާގަ ތަނަވަސް ބަނދަރެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށާއި އަދި މުދާ ބަރުކުރުމާއި ލަފައި ފުރުމަށްވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން 70,693 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު އަދި ނެރު ފުންކުރުމާއި، 340 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 450 މީޓަރުގެ އެއްގަމުތޮށި މަރާމާތު ކުރުމާއި، 61 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 238 މީޓަރުގެ ސަރަހައްދެއްގައި ނެރު ބޭރުތޮއްޓެއް ލުމާއި، 260 މީޓަރުގެ ސަރަހައްދެއްގައި ވެލި ފުރާފައިވާ ބޭރުތޮއްޓެއް ލުމާއި، 86 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 3,920 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެ މަޝްރޫއަކީ 92.73 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.