މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންވާޑް ރެމިޓެންސް ލައިސަންސް ރަސްމީކޮށް އުރީދޫ ފިންޓެކްއަށް ދީފިއެވެ.
އެމްއެމްއޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫ ފިންޓެކްއާ އެމްއެމްއޭގެ ފަރާތުން ލައިސަންސް ހަވާލުކޮށްދެއްވީ ގަވަރުނަރު އަހުމަދު މުނައްވަރެވެ. އަދި ލައިސަންސްއާ ހަވާލުވެވަޑައިގެންނެވީ އުރީދޫ ފިންޓެކް މޯލްޑިވްސްގެ ބޯޑު މެމްބަރު އަދި އުރީދޫ މޯލްޑިވްސްގެ ޗެއާމަން ފާތިމާ އަލް ކުވާރީ އާއި އުރީދޫ ފިންޓެކް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީއެވެ.
އެ ލައިސަންސްގެ ދަށުން އަމިއްލަ ފަރުދުން، ހާއްސަކޮށް ފްރީލާންސަރުންނާއި ކުދި ވިޔަފާރިވެރިންނާއި، އާމްދަނީ އާއި އެހީއަށް ބައިނަލްއަގުވާމީ މުއާމަލާތްތަކަށް ބަރޯސާވާ އާއިލާތަކަށް ޕޭޕަލް މެދުވެރިކޮށް ފައިސާ ފޮނުވޭނެއެވެ. ބޭރު ގައުމުތަކުން ރެމިޓެންސް ލިބުމުގެ ގާބިލުކަން ލިބުމާއެކު، އެމްފައިސާ ވޮލެޓަށް ފައިސާ ސީދާ ލިބުމުގެ ފުރުސަތު ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށް އުރީދޫން މައުލޫމާތުދެއެވެ.
އުރީދޫން ބުނީ އެ ލައިސަންސާއެކު ރާއްޖޭގެ ޑިޖިޓަލް ފައިނޭންޝަލް ސިސްޓަމް ހަރުދަނާ ކުރުމަށް އެމް-ފައިސާ އިން ކުރަމުންދާ މަސައްކަތް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށެވެ. އެ ލައިސަންސަކީ އުރީދޫގެ ފިންޓެކްގެ ހިދުމަތްތައް ފުޅާކޮށް، ފަސޭހަކަމާއެކު އެމްފައިސާ ވޮލެޓަށް ފައިސާ ޓްރާންސްފާ ކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ ލައިސަންސެއް ކަމަށް އުރީދޫން ބުންޏެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީ ވިދާޅުވީ އެ ލައިސަންސްގެ ސަބަބުން އެމްއެމްއޭ އިން ޑިޖިޓަލް އިގުތިސާދެއް ބިނާކުރުމަށް ކުރާ މަސައްކަތަށް އުރީދޫން ދޭ އަހއްމިއްޔަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ.
އެމްފައިސާގެ ހިދުމަތްތަކުގެ ތެރޭގައި ބިލު ދެއްކުމާއި، މާޗަންޓް ކިއުއާރު ޓްރާންސެކްޝަންތަކާއި، ޑޮމެސްޓިކް ޓްރާންސްފާގެ އިތުރުން އިންޓަނޭޝަނަލް ރެމިޓެންސް ފަދަ ހިދުމަތްތައް ފުޅާވެ، ރާއްޖޭގެ ޑިޖިޓަލް އިންގިލާބީ ބަދަލުތައް ގެނައުމުގައި އުރީދޫން ދަނީ އިތުރު ދައުރެއް އަދާކުރަމުން ކަމަށެވެ. އަދި އެ ހިދުމަތްތަކުގެ ސަބަބުން ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އެހީތެރިވެދޭ ހިދުމަތެއް ކަމަށް އުރީދޫ ފިންޓެކްގެ ސީއީއޯ ވިދާޅުވިއެވެ.
ރާއްޖޭގައި ޕޭޕަލް ބޭނުންކުރެވޭ ގޮތް ހަދައިދިނުމަށް މަސައްކަތްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ސަރުކާރުން ވަނީ މީގެ ކުރިން އެކަމުގެ ގިނަ މަޝްވަރާތަކެއް ކޮށްފައެވެ.
ށ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކޮމަންޑޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ފެށޭނެ ކަމަށެވެ.
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް