ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ބޭރުކުރި މައްސަލައާ ގުޅިގެން ހައްޔަރުކުރި މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމު އަދާކުރައްވަމުންގެންދަވާ މުއާޒް އަލީ ސަސްޕެންޑުކޮށްފިއެވެ.

އެމްޕީއެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން އެ ދެ ކޮންޓެއިންނަރު ތެރޭގައި ހުރި ސިނގިރޭޓް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ ނުވަވަނަ ދުވަހުއެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ހިމެނޭ މުއާޒް، މިފްކޯއާ ގުޅުމުގެ އޭނާ ހުންނެވީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓްގެ މަގާމުގައެވެ. އޭނާ ކަސްޓަމްސްގެ ވަޒީފާއިން ވަކިކުރީ ވެސް އެފަދަ މައްސަލައެއްގެ ތުހުމަތުގައި 2019 ވަނަ އަހަރުއެވެ.

މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒުގެ މައްސަލަތަކެއް ދައުލަތުގެ އިދާރާތަކުން ބަލަން ފަށާފައިވާ އިރު، އެ ކަންކަން އިދާރީގޮތުން ކުންފުނިން ތަހުގީގުކުރަމުންދާތީ، މިފްކޯގެ މުވައްޒަފުންނާ ބެހޭ ގަވާއިދުގެ ދަށުން، 30 ދުވަހުގެ މުއްދަތަށް އޭނާ ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ސޮއިކުރައްވައި މިއަދު ނެރުއްވި މެމޯއެއްގައި ކުންފުނީގެ ވެރިންނާއި މުވައްޒަފުންނަށް އެކަން އަންގާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިފްކޯއިން ބުނީ އެ ނިންމުމާ ގުޅިގެން ކުންފުނީގެ މަސައްކަތްތަކަށް ބުރޫނާރާނެކަން ކަށަވަރުކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އިންޖިނިއަރިން ޑިޕާޓްމަންޓުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް، މެނޭޖަރު މުހައްމަދު ޝަމީމާ ހަވާލުކޮށްފައިވާ ކަމަށާއި އަދި އިންޖިނިއަރިން ޔުނިޓް، ކޮންސަލްޓެންޓް އިންޖިނިއަރު އަބައިދުﷲ ހުސައިންއާ ހަވާލުކޮށްފައިވާ ކަމަށެވެ.

"ހިނގައިގެން އުޅޭ މައްސަލަތަކާ މިފްކޯއާ ގުޅުމެއް ނެތް ކަމުގައިވީ ނަމަވެސް ހާއްސަކޮށް ކުންފުނީގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނަޒާހަތްތެރިކަމާ ގުޅުންހުރި މައްސަލަތަކަކީ މެނޭޖްމަންޓުން ވަރަށް ސީރިއަސްކޮށް ނަގާ މައްސަލަތަކެއްކަން ފާހަގަކުރަން. މިގޮތުން ކުންފުނީގެ އިތުބާރާއި ގަދަރު ހިފެހެއްޓުމަށްޓަކައި އާ ރޫހެއްގައި ކުރަމުންދާ މަސައްކަތްތަކާއެކު އަޅަންޖެހޭ މިފަދަ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަން މެނޭޖްމަންޓުން ރައްޔިތުންނަށް ދެއްވާ،" މިފްކޯގެ ބަޔާނުގައި ބުންޏެވެ.

މިފްކޯއިން އިތުރަށް ބުނީ ރާއްޖޭގެ ގާނޫނުތަކާއި، ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތަކާއި، ކުންފުނީގެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށްއޮތް ތަނުގައި ވެސް އަޅަމުންދާނެ ކަމަށެވެ.

މީގެ ކުރިން ތަހުގީގުކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ މުއާޒް، ރިޝްވަތަށް އެދިފައިވާ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި މިދިޔަ ހަފުތާގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފައެވެ.

އެ މައްސަލައަކީ 2018 ވަނަ އަހަރު އަމިއްލަ ކުންފުންޏަކުން ރާއްޖެ އެތެރެކުރި 450 ސިނގިރޭޓް ކޭސް ކަސްޓަމްސްގެ ހުޅުމާލޭ ބޮންޑެޑް ވެއާހައުސްގައި ބެހެއްޓުމަށްފަހު، އެ ކޭސްތަކުގެ ތެރެއިން 430 ސިނގިރޭޓް ކޭސް ރީ-އެކްސްޕޯޓްކުރުމަށް ފުރިހަމަކުރަން ޖެހޭ ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށް ހުޅުމާލޭ ބޮންޑެޑް ވެއާހައުސްއިން ދޫކޮށްފައިވީ ނަމަވެސް، އެ ސިނގިރޭޓް ކޭސްތައް ރީ-އެކްސްޕޯޓްކޮށްފައި ނުވާތީ، ކަސްޓަމްސްއިން ބަލަމުންދިޔަ މައްސަލައެކެވެ.

އޭސީސީން މިދިޔަ އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކަސްޓަމްސްއިން ބަލަމުންދިޔަ އެ މައްސަލަ، އެ ކުންފުންޏަށް ފަހިވާ ގޮތަށް ނިންމުމުގެ މުގާބިލުގައި އެ އަމިއްލަ ކުންފުނީގެ ދެ ފަރާތެއްގެ ކިބައިން މުއާޒް އަލީ ރިޝްވަތަށް އެދިފައިވާކަން ތަހުގީގުން ހޯދިފައިވާ ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ ނަމެއް އޭސީސީން އާންމުކޮށްފައެއް ނުވެއެވެ.

އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން އެނގި ހުރެގެން މަންފާއަކަށް އެދުމާއި، ގަބޫލުކުރުމާއި، ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ގަބޫލުކުރުމަށް އެއްބަސްވުމުގެ ކުށުގެ ދައުވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.

މިހާރު ތުހުމަތުކުރެވޭ ސިނގިރޭޓު ވައްކަމުގެ މައްސަލައިގައި މުއާޒްގެ އިތުރުން ތިން މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ދެން ހިމެނެނީ ދެ ވިޔަފާރިވެރިޔަކާއި ކަސްޓަމްސްގެ އިސް މުވައްޒަފެކެވެ.

މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި ހަަތަރު މީހުން:

  • އަހުމަދު އާރިފް (61އ)، މއ. އެވާގްލޯރީ
  • މުހައްމަދު ވަހީދު (65އ)، ދިގަލި، ބ. އޭދަފުށި
  • މުއާޒް އަލީ (48އ)، ހ. ނިއު ހެޕިނަސް
  • ޒިވާރް އިސްމާއިލް (40އ)، މެދުރީގެ، ހދ. ވައިކަރަދޫ

އޭގެ ތެރެއިން އާރިފަކީ ލޮޓަސްގެ ވެރިޔާ އެވެ. ދިގަލި ވަހީދަކީ އެޕޯލޯގެ ވެރިޔާ އެވެ. ދެން ހިމެނޭ މުއާޒަކީ ލިޓަސްގެ ވެރިޔާ އެވެ. ޒިވާރަކީ ކަސްޓަމްސްގެ ސީނިއާ އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފަކަށްވާ އިރު، މުއާޒަކީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް އެވެ.

އެނގިފައިވާ ގޮތުގައި ކުރިމިނަލް ކޯޓުން މިއަދު ވަނީ ދިގަލި ވަހީދުގެ ބަންދަށް 10 ދުވަސް ޖަހައިފައެވެ. އާރިފުގެ ބަންދަށް 15 ދުވަސް ޖެހި އިރު، ޒިވާރު އިސްމާއީލްގެ ބަންދަށްވެސް ކުރިމިނަލް ކޯޓުން ޖަހައިދިނީ 15 ދުވަހެވެ. މުއާޒްގެ ބަންދަށް ކުރިމިނަލް ކޯޓުން ޖަހައިދީފައިވަނީ ފަސް ދުވަހެވެ.

އެނގިފައިވާ ގޮތުގައި ގެއްލިފައިވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކެވެ. އެ ސިނގިރޭޓަކީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެ މުދަލެވެ.

އެ ދެ ކޮންޓެއިނަރު ގެއްލިފައިވަނީ ކަސްޓަމްސްއިން ހިފެހެއްޓުމަށް ފަހު ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ބަހައްޓާފައި ހުއްޓައެވެ.

އެމްޕީއެލްގެ ހަ މުވައްޒަފަކުވެސް ވަނީ ސަސްޕެންޑުކޮށްފައެވެ. އެ މުވައްޒަފުންތައް ސަސްޕެންޑް ކޮށްފައިވަނީ އެމްޕީއެލުން ކުރަމުންދާ އެތެރޭގެ ތަހުގީގަށް ބިނާކޮށެވެ. އެކަން އެމްޕީއެލުން ހާމަކުރީ މިއަދެވެ.

"ތަހުގީގުން މިހާތަނަށް ހޯދިފައިވާ މައުލޫމާތަށް ރިއާޔަތްކޮށް، 12 އޮކްޓޯބަރ 2025 ވަނަ ދުވަހުން ފެށިގެން މި ކުންފުނީގެ ފަސް މުވައްޒަފުން ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ. އަދި އިތުރު މުވައްޒަފަކު ވަނީ 15 އޮކްޓޯބަރ 2025 ވަނަ ދުވަހުން ފެށިގެން ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ. ކުންފުނީގެ ހިންގުމުގައި އަޅަން ޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުމަށް އެމްޕީއެލްގެ ތަހުގީގު ކޮމެޓީ، ރިސްކް ޑިޕާޓްމަންޓް އަދި އިންޓާނަލް އޮޑިޓްއިން މިހާރުވެސް ދަނީ މި މައްސަލައާ ގުޅޭ ތަހުގީގު އަދި އޮޑިޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ" އެމްޕީއެލުން ބުންޏެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސިނގިރޭޓް ކޮންޓެއިނާ ގެއްލުނު މައްސަލައާ ގުޅިގެން އެ އިދާރާގެ މުވައްޒަފަކަށް ތުހުމަތު ކުރެވޭކަން ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ. ކަސްޓަމުން ބުނެފައިވަނީ އެކަމުގައި ކަސްޓަމްސްގެ މުވައްޒަފެއްގެ ބައިވެރިވުން ހިމެނޭކަން ފުލުހުންގެ ތަހުގީގަށް ސާބިތުވެއްޖެނަމަ، އެ މުވައްޒަފަކާމެދު ގާނޫނާއި ގަވާއިދުގެ ތެރެއިން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.