ށ. މިލަންދޫގައި އަލަށް އިމާރާތްކުރަން ނިންމާފައިވާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސިީން މިއަދު ފަށައިފިއެވެ.

މިލަންދޫގައި މިހާރު ހުންނަނީ ހެލްތު ސެންޓަރެކެވެ.

މިލަންދޫގައި އަލަށް އިމާރާތްކުރަން ނިންމާފައިވާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު މިލަންދޫއަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ.

އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 110.87 މިލިއަން ރުފިޔާއަށް 600 ދުވަހުން ނިންމައި ހަވާލުކުރާގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:

  • 38،087 އަކަފޫޓުގެ ސަރަހައްދެއްގައި 30 އެނދު ހިމެނޭ ދެބުރީގެ އިމާރާތެއް ބިނާކުރުން.
  • 2،563 އަކަފޫޓުގެ ސަރަހައްދެއްގައި އެއްބުރިޔަށް އެހެނިހެން ހިދުމަތްތައް ދިނުމަށް ހާއްސަކޮށް އިމާރާތެއް ހެދުން.
  • 3،573 އަކަފޫޓުގެ ސަރަހައްދެއްގައި މުވައްޒަފުން ތިބުމަށް ހާއްސަކޮށް ދެބުރީގެ އިމާރާތެއް ހެދުން.