ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އަންހެން ދަރިވަރުންނަށް ހާއްސަކޮށްގެން ކޮންމެ އަހަރަކުވެސް ހިންގަމުން އަންނަ އިންފޮމޭޝަން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ (އައިސީޓީ) ޕްރޮގްރާމް ށ. ފުނަދޫ ސްކޫލް އަދި ށ. މިލަންދޫ ސްކޫލްގައި ބާއްވައިފިއެވެ.

ބީއެމްއެލުން މިއަދު ބުނީ އެ މައުލޫމާތު ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ބީއެމްއެލްގެ ޓެކްނޮލޮޖީ ޑިވިޝަންގެ 10 އަންހެން މުވައްޒަފުންގެ މައްޗަށް އެކުލެވޭ ޓީމަކުން ކަމަށެވެ. ބީއެމްއެލުން ބުނީ އެ ޓީމުން ވަނީ ފުނަދޫ ސްކޫލާއި މިލަންދޫ ސްކޫލްގެ ގްރޭޑް 7 އިން 10 އާ ދެމެދުގެ އަންހެން ދަރިވަރުންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ މުހިންމު ސެޝަންތަކެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ.

އެ ސެޝަންތަކުގައި ދަރިވަރުންނަށް އައިސީޓީގެ ދާއިރާ ތައާރަފުކޮށްދިނުމުގެ އިތުރުން، އެ ދާއިރާއިން ކުރިއަށްދެވެން ހުރި ތައުލީމީ ފުރުސަތުތަކާއި، ޓެކްނޮލޮޖީގެ ދާއިރާގައި ހުރި ވަޒީފާގެ މުހިންމު ފުރުސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މައުލޫމާތު ފޯރުކޮށްދީފައިވާނެކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން ބުނީ އެ ހަރަކާތަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ "އިންޓަނޭޝަނަލް ގާލްސް އިން އައިސީޓީ ޑޭ" ފާހަގަކުރުމުގެ ގޮތުން، ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށްދިއުމަށް އަންހެން ކުދިން ޝައުގުވެރިކުރުވުމަށާއި، އެ ދާއިރާއިން ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ބާރުއެޅުމުގެ މަގުސަދުގައި ކޮންމެ އަހަރަކުވެސް ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

މިއީ މި ޕްރޮގްރާމް ޖެހިޖެހިގެން ބޭއްވި ހަތަރުވަނަ އަހަރުކަމަށް ބީއެމްއެލުން ބުންޏެވެ.

އެފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރިވާ އަންހެން ދަރިވަރުންނަށް އިތުރު ހިތްވަރަކާއި، މުސްތަގުބަލުގައި އެ ދާއިރާއިން ކުރިއަށްދިއުމަށް މަގުފަހިވެގެންދާނެކަމަށް ބީއެމްއެލުން ބުންޏެވެ.