އަނބިމީހާ ފަލައޭ ބުނެގެން ކަތިވަޅި ހިފައިގެން ގޮސް މާރާމާރީ ހިންގަން އުޅުނު އޭނާގެ ފިރިމީހާ ހައްޔަރުކޮށްފިއެވެ.
މި ހާދިސާ ހިނގީ ށ. މިލަންދޫގައެވެ.
މި މައްސަލައިގައި އިއްޔެ ރޭ މިލަންދޫން ހައްޔަރުކޮށްފައިވަނީ އެ ރަށު ސީރީނުވިލާ، އަހުމަދު ޝައިހާން ޝާހިދު 22އ އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ މާރާމާރީ ހިންގަން އުޅުނީ، ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ދެއްކި ވާހަކަތަކެއްގައި ޝައިހާންގެ އަނބިމީހާ ފަލައޭ ބުނެގެން އެކަމާ ރުޅިއައިސްގެންނެވެ.
އެ މައްސަލައިގައި ޝައިހާންގެ އިތުރުން އޭނާ ހަމަލާދޭން އުޅުނު އެ ރަށު ފިލިގަސްދޮށުގޭ މުހައްމަދު ފިރާޝް 31އ ވެސް ހައްޔަރުކުރިއެވެ. ނަމަވެސް ހެކި ނެތިގެން އޭނާ ވަނީ ދޫކޮށްލައިފައެވެ.
އޭނާ ހައްޔަރުކުރީ ވަޅިއެއް ހިފައިގެން އުޅުނުކަމުގެ ތުހުމަތަށެވެ. ނަމަވެސް އެއީ ޝައިހާންގެ ކިބައިން ދިފާއުވުމަށް ބޭނުންކުރި ވަޅިއެއް ކަމަށާއި އެކަމުގައި އޭނާ އެއްވެސް މީހަކަށް ގެއްލުމެއް ދީފައި ނުވުމާއި ކުށުގެ ރެކޯޑެއް ނެތްކަން ކޯޓު އަމުރުން އެނގެން އޮވެއެވެ.
ޝައިހާންގެ ކޯޓު އަމުރުގައިވާ ގޮތުން ޝައިހާން ކަތިވަޅިއެއް ހިފައިގެން 31 އަހަރުގެ މީހާއާ ދެމެދު މާރާމާރީއެއް ހިންގަން އޭނާ ދިރިއުޅޭ ގެ ކައިރިއަށް ދިޔަ ކަމަށެވެ. އަދި އެ ވަގުތު އެ ތަނުގައި ހުރި އެހެން މީހަކާ ދިމާލަށް ވެސް ކަތިވަޅި މަޅާލުމަށް ފަހު "ނުފުއްޕައްޗޭ" ބުނެ އޭނާ އިންޒާރުދިންކަން މަންޒަރު ދުށް ހެކީންގެ ބަޔާންތަކުން އެނގެން އޮތް ކަމަށް އަމުރުގައިވެއެވެ.
އަމުރުގައިވާ ގޮތުން ފުލުހުން އެ ތަނަށް ދިއުމުން އޭނާ އަތުގައި އޮތް ކަތިވަޅި ސައިކަލެއްގެ މަޑި ދަށަށް ލައި ފޮރުވި ކަމަށާއި އެ ސައިކަލްގެ މަޑި ދަށުން ކަތިވަޅިއަކާއި އިތުރު ދެ ވަޅި ވެސް ފެނިފައިވާ ކަމަށް ސީނަށް ދިޔަ ފުލުހުން ބުނެފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.
މި މައްސަލައިގައި ދިފާއުވުމަށް ޝައިހާން ބުނެފައިވަނީ ކުށުގެ ވެއްޓަށް ގޮސްފައިވާނެ ކަމަށާއި އެ ތަނުގައި އަޑުގަދަކޮށް ވާހަކަ ދެއްކުނު ކަމަށާއި އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ.
މި މައްސަލައިގައި ޝައިހާނުގެ މައްޗަށް ހުށަހަޅާފައިވާ ހެކި ގަރީނާއަށް ބަލައި އޭނާ ވަނީ 12 ދުވަހަށް ބަންދުކޮށްފައެވެ.
މި މައްސަލައިގައި ޝައިހާން ހައްޔަރުކުރީ ކުށުގެ ވެށިން ކޯޓު އަމުރަކާ ނުލައެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް