ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ބޭރުކުރި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ބަންދުގައި ބައިތިއްބަން ކުރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ ލޮޓަސް ކުންފުނީގެ ވެރިޔާ އަހުމަދު އާރިފު، އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ ދިގަލި މުހައްމަދު ވަހީދު، ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިޑެންޓް މުއާޒް އަލީ އަދި ހުޅުމާލޭ ޕޯޓުގައި މަސައްކަތްކުރާ ކަސްޓަމްސްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއީލެވެ.

އެނގިފައިވާ ގޮތުގައި ކުރިމިނަލް ކޯޓުން މިއަދު ވަނީ ދިގަލި މުހައްމަދު ވަހީދުގެ ބަންދަށް 10 ދުވަސް ޖަހައިފައެވެ. އަހުމަދު އާރިފުގެ ބަންދަށް 15 ދުވަސް ޖެހިއިރު ޒިވާރު އިސްމާއީލްގެ ބަންދަށްވެސް ކުރިމިނަލް ކޯޓުން ޖަހައިދިނީ 15 ދުވަހެވެ. މުއާޒު އަލީގެ ބަންދަށް ކުރިމިނަލް ކޯޓުން ޖަހައިދީފައިވަނީ ފަސް ދުވަހެވެ.

އެ މީހުންގެ ބަންދު ޖަހައިފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރީންނެވެ. ކުރިމިނަލް ކޯޓުން އަދި ބަންދު އަމުރުތައް އާންމު ނުކުރާތީ އެ މީހުންގެ މައްޗަށް ކުރާ ތުހުމަތު ސާފުވާގޮތް އަދި ނުވެއެވެ.

އެމްޕީއެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން ދެ ކޮންޓެއިންނަރު ތެރޭގައި ހުރި ސިނގިރޭޓް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ ނުވަވަނަ ދުވަހުއެވެ.

ފުލުހުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން 12 މީހެއްގެ ފުރުން މަނާކޮށް، ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެމްޕީއެލްގެ ހަ މުވައްޒަފަކުވެސް ވަނީ ސަސްޕެންޑުކޮށްފައެވެ. އެ މުވައްޒަފުންތައް ސަސްޕެންޑް ކޮށްފައިވަނީ އެމްޕީއެލުން ކުރަމުންދާ އެތެރޭގެ ތަހުގީގަށް ބިނާކޮށެވެ. އެކަން އެމްޕީއެލުން ހާމަކުރީ މިއަދެވެ.

"ތަހުގީގުން މިހާތަނަށް ހޯދިފައިވާ މައުލޫމާތަށް ރިއާޔަތްކޮށް، 12 އޮކްޓޯބަރ 2025 ވަނަ ދުވަހުން ފެށިގެން މި ކުންފުނީގެ ފަސް މުވައްޒަފުން ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ. އަދި އިތުރު މުވައްޒަފަކު ވަނީ 15 އޮކްޓޯބަރ 2025 ވަނަ ދުވަހުން ފެށިގެން ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ. ކުންފުނީގެ ހިންގުމުގައި އަޅަން ޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުމަށް އެމްޕީއެލްގެ ތަހުގީގު ކޮމެޓީ، ރިސްކް ޑިޕާޓްމަންޓް އަދި އިންޓާނަލް އޮޑިޓްއިން މިހާރުވެސް ދަނީ މި މައްސަލައާ ގުޅޭ ތަހުގީގު އަދި އޮޑިޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ" އެމްޕީއެލުން ބުންޏެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސިނގިރޭޓް ކޮންޓެއިނާ ގެއްލުނު މައްސަލައާ ގުޅިގެން އެ އިދާރާގެ މުވައްޒަފަކަށް ތުހުމަތު ކުރެވޭކަން ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ. ކަސްޓަމުން ބުނެފައިވަނީ އެކަމުގައި ކަސްޓަމްސްގެ މުވައްޒަފެއްގެ ބައިވެރިވުން ހިމެނޭކަން ފުލުހުންގެ ތަހުގީގަށް ސާބިތުވެއްޖެނަމަ، އެ މުވައްޒަފަކާމެދު ގާނޫނާއި ގަވާއިދުގެ ތެރެއިން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ގެއްލިފައިވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކެވެ. އެ ސިނގިރޭޓަކީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެ މުދަލެވެ.