ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބު (އެފްއެމްއެސްސީ) އިން ބާއްވާ ލ. އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2025، މިމަހުގެ 23 ވަނަ ދުވަހު ފަށަން ތާވަލުކޮށްފިއެވެ.
މިއަހަރުގެ މުބާރާތުގައި ޖުމުލަ 13 ޓީމަކުން ވާދަކުރާ އިރު، މިމަހުގެ ނުވަ ވަނަ ދުވަހުގެ ރޭ މުބާރާތުގެ ގުރު ނަގާފައިވެއެވެ. އެ އިވެންޓުގައި ޓީމުތަކުގެ އޮފިޝަލުންނާއި މެނޭޖަރުންގެ އިތުރުން މުބާރާތް އިންތިޒާމު ކުރާ އެފްއެމްއެސްސީގެ އިސް ފަރާތްތައްވެސް ބައިވެރިވިއެވެ.
މިއަހަރުގެ މުބާރާތް މިމަހުގެ 23 ވަނަ ދުވަހު ފަށަން ތާވަލުކޮށްފައިވާ އިރު، ގްރޫޕް ސްޓޭޖު ނިމޭނީ މިމަހު 27 ވަނަ ދުވަހުއެވެ. އޭގެ ފަހުން ކުއާޓާގެ މެޗުތައް މިމަހު 28 ވަނަ ދުވަހުގެ ރޭ އޮންނަ އިރު، ސެމީގެ ދެމެޗު އޭގެ އަނެއް ރޭ އޮންނާނެއެވެ.
ފޮނަދޫ ފުޓްސަލް ދަނޑުގައި މެޗުތައް ކުރިއަށްދާ އިރު، ފައިނަލް އޮންނާނީ މިމަހު 31 ވަނަ ދުވަހުގެ ރޭގައެވެ.
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖްގެ ގްރޫޕްތައް
- ގްރޫޕް އޭ: ފޮއެމަތި، ފޮއެމަތި ޖޫނިއާ، ކަންމަތި އެސްސީ، ލާމު ބްލޫސް
- ގްރޫޕް ބީ: މާހިންނަ ޔުނައިޓެޑް، އައުޓްރީފް އެސްސީ، ލެކްރޯސް އެސްސީ
- ގްރޫޕް ސީ: ކަންމަތި އެފްސީ، ބެސްޓް، ޔޫތު އެކަޑެމީ
- ގްރޫޕް ޑީ: ޖީ ސްޓާ އެސްސީ، ބީޖީއެސްސީ، ގޯޅިއަންސް
މި ފަހަރުވެސް ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން މެދުއަވަށު ސްޕޯޓްސް ކްލަބުން ނިންމައިފައިވާ އިރު، މުބާރާތަކީ ލ. އަތޮޅުގެ އެންމެ އަގުބޮޑު މުބާރާތެވެ.
ކުރިއެކޭ އެއްގޮތަށް މިފަހަރުގެ މުބާރާތުންވެސް ރާއްޖޭގެ ނަން މަޝްހޫރު ތަރިން ފެނިގެންދާނެއެވެ. މިއީ ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ހަވަނަ މުބާރާތެވެ. މީގެ ކުރިން ބޭއްވި ހުރިހާ މުބާރާތްތައްވެސް ފެނުނީ ތަފާތު ފޯރިގަދަކޮށެވެ. ހާއްސަކޮށް ލ. އަތޮޅުގެ ގިނަ ކުޅުންތެރިންތަކެއްވެސް ފޮނަދޫ ފުޓްސަލް ޗެލެންޖުން ވަނީ ވިދާލައިފައެވެ. މުބާރާތް ލ. އަތޮޅުގެ ކުޅުންތެރިންނަށް ހާއްސަކޮށްފައި އޮންނަ އިރު، ކޮންމެ ޓީމެއްގައިވެސް ރާއްޖޭގެ އެހެން އަތޮޅަކަށް ނިސްބަތްވާ ހަތަރު ކުޅުންތެރިޔަކު ހިމެނުމަށް ފުރުސަތު ދީފައިވެއެވެ.
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ޕަސްކުއާލްއެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް އެމްވީ" އެވެ.
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް