ހުޅުމާލޭގައި ދިރިއުޅޭނެ މީހުންގެ ތަސައްވުރު ރަމްޒުކޮށްދޭ މާސްޓާ ޕްލޭނަށް ދަރިވަރުންގެ ހިޔާލު ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)އިން ހޯދައިފިއެވެ.
ހުޅުމާލޭގެ ސޯޝަލް، ލޭންޑްސްކޭޕް، އަދި ޓްރާންސްޕޯޓާ ގުޅޭ މާސްޓާޕްލޭނަށް އާންމުންގެ ހިޔާލު ހޯދަން "ހިޔާލުން ހުޅުމާލެ"ގެ ނަމުގައި ފޯރަމެއް ބާއްވަން ނިންމައިފައިވާކަމަށް އެޗްޑީސީން އިއުލާނު ކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ގައެވެ.
އެޗްޑީސީން ބުނީ ހުޅުމާލެ މާސްޓާ ޕްލޭންގެ ކޮންސަލްޓޭޝަން ސެޝަންގައި، ހުޅުމާލޭގެ އެންމެ ޒުވާން ކޮމިއުނިޓީގެ މެންބަރުންގެ ހިޔާލު އިއްޔެ ހޯދައިފައިވާ ކަމަށެވެ.
އެ ފޯރަމަކީ ހުޅުމާލޭގެ ތަރައްގީގައި، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ރައްޔިތުންގެ ހިޔާލާ އެއްގޮތަށް މާސްޓާޕްލޭންތައް ބައްޓަންކުރުމަށް ކުރިއަށްގެންދާ ފޯރަމެއް ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
"މި މާސްޓާ ޕްލޭނަކީ އެތައް އަހަރެއް ވާންދެން ހުޅުމާލޭގައި ދިރިއުޅޭނެ މީހުންގެ ތަސައްވުރު ރަމްޒުކޮށްދޭ މާސްޓާ ޕްލޭނެއްކަން ދަރިވަރުން ވަނީ ފާހަގަކޮށްފަ." އެޗްޑީސީން ބުންޏެވެ.
ހިޔާލު ހޯދުމުގެ އެ ފޯރަމް ކުރިޔަށްގެންދަން ނިންމާފައިވަނީ މި މަހުގެ 13 އިން ފެށިގެން މިރޭގެ ނިޔަލަށެވެ. އެ ފޯރަމްގައި ބައިވެރިވުމަށް އޮންލައިންކޮށް ރަޖިސްޓްރީ ވެވޭނެއެވެ. ރަޖިސްޓްރީ ކުރުމުގެ ސުންގަޑި ހަމަވެފައިވަނީ މި މަހުގެ ހަތް ވަނަ ދުވަހުގައެވެ.
އެޗްޑީސީގެ އަމާޒަކީ ހުޅުމާލޭގެ ތަރައްގީގެ ހުރިހާ ހަރުފަތެއްގައިވެސް ރައްޔިތުންގެ ހިޔާލު ހޯދައި، ރައްޔިތުންގެ ބައިވެރިވުމާއެކު ހިތްފަސޭހަ ހުޅުމާލެއެއް ބިނާކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.
ފާތިމަތު ލިއުޝާ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ