އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރުގެ ގްރޫޕް ސްޓޭޖުގައި މިއަދު ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުން ތަޖިކިސްތާން މޮޅުވި ނަމަވެސް، މެޗުގައި ރާއްޖޭގެ ހުނަރުވެރި ކުޅުންތެރިން ފާހަގަވެގެން ދިޔަ ކަމަށް ތަޖިކިސްތާނުގެ ކޯޗު، ގޯރަން ސްޓެވަނޮވިޗް ބުނެފިއެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރުގެ ގްރޫޕް ސްޓޭޖުގައި ތަޖިކިސްތާނުން އަނެއްކާވެސް މިއަދު ރާއްޖެ ބަލިކުރި އިރު، މިއަދު މެޗު ކުޅުނީ ގައުމީ ދަނޑުގައެވެ. މިއަދު ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ތަޖިކިސްތާނުން ރާއްޖެ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ތަޖިކިިސްތާން ގްރޫޕްގެ އެއްވަނައިގައި ހަތަރު މެޗުން 10 ޕޮއިންޓާއެކު އޮތް އިރު، ދެވަނައިގައި ފިލިޕީންސް އޮތީ ހަތަރު މެޗުން އަށް ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި ޓިމޯ ލެސްޓޭ އޮތް އިރު، ރާއްޖެ އޮތީ ގްރޫޕް ފުލުގައެވެ.

މެޗަށްފަހު ތަޖިކިސްތާނުގެ ކޯޗު، ސްޓެވަނޮވިޗް ބުނީ ހީކުރި ގޮތަށް ރާއްޖެ ވެގެންދިޔައީ އުނދަގޫ ޓީމަކަށް ކަމަށެވެ.

"އަހަރެން އިއްޔެވެސް ބުނިގެން ތަޖިކިސްތާނުގައި ކުޅުނު މެޗާ، މި މެޗާ ވަރަށް ތަފާތު. ހޯމް ޓީމް (ރާއްޖެ)، އެ މެޗަށްވުރެ މާބޮޑަށްވެސް ރަނގަޅަށް ކުޅުނު. ނަތީޖާއަކީ 3-0 ކަން އެނގޭ. އެކަމަކު ރާއްޖެއަށް ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު. ނަތީޖާ އައީ، ނަސީބު ރަނގަޅުކަމުން އަހަރެމެންނަށް ގޯލް ޖެހުމުން. އުނދަގޫ މެޗެއް މި ނިންމާލެވުނީ،" އޭނާ ބުންޏެވެ.

ކޯޗު ސްޓެވަނޮވިޗް ބުނީ އަވަހަށް ގޯލެއް ޖެހުމަށް ރާއްޖޭގެ ޑިފެންސަށް ޕްރެސް ކުރުމަކީ އޭނާ ޕްލޭން ކުރި ގޮތް ކަމަށާއި، ފުރަތަމަ ކޮޅުގައި ޖެހުނު ގޯލާއެކު، މެދުތެރެ ކޮންޓްރޯލް ކުރަން ފުރުސަތު ލިބުނު ކަމަށެވެ. އެގޮތުން، ރާއްޖެ އަތަށް މެޗު ދިޔަ ނުދިނުމަށް ޖާގަތައް ބައްދަން މެދުތެރެއިން ރަނގަޅަށް މަސައްކަތް ކުރެވުނު ކަމަށް އޭނާ ބުންޏެވެ.

އެ ވާހަކަތަކާއެކުވެސް ސާބިއާއަށް އުފަން ސްޓެވަނޮވިޗް ވަނީ ރާއްޖެއަށް ތައުރީފް ކޮށްފައެވެ. ހާއްސަކޮށް، ރާއްޖޭގެ އެޓޭކް ލައިނުން ފެނުނު ކުޅުންތެރިންނަށް އޭނާ ވަނީ ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ.

"ރާއްޖޭގެ ބައެއް ކުޅުންތެރިން ވަރަށް ވަރަށް މޮޅު. ހާއްސަކޮށް އެޓޭކްގެ ކުޅުންތެރިން. އަހަންނަށް ކުރިންވެސް އެނގޭ އެ ކުޅުންތެރިންގެ ކޮލިޓީ. ޖާޒީ ނަމްބަރު 10، 9، 11 ވެސް، މިހުރިހާ ކުޅުންތެރިންނަށް ކޮންމެ ޓީމަކަށްވެސް ކުޅެވޭނެ. ޔޫރަޕުގައި، ހަމަ ޔަގީނުންވެސް އަހަރެން ގައުމުގައިވެސް ކުޅެވޭނެ،" ސްޓެވަނޮވިޗް ބުންޏެވެ.