ޔޫއޭފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރޭ ޖަރުމަނާއި ބެލްޖިއަމް ކުޅުނު މެޗުތަކުން ކާމިޔާބުކުރި އިރު، އައިސްލޭންޑާއި ފްރާންސް އެއްވަރުވެއްޖެއެވެ.
ޔޫރަޕްގެ ވޯލްޑް ކަޕް ކޮލިފިކޭޝަން ފޯރިގަދަކޮށް ފެނިގެންދާ އިރު، ރޭ ފްރާންސުން ރަށުން ބޭރުގައި 2-2 އިން އެއްވަރުވުމުން ގްރޫޕް ޑީގެ ފޯރިވެސް ވަނީ ގަދަވެގެން ގޮސްފައެވެ.
އެ ގްރޫޕުގައި ޔުކްރެއިނުން އަޒަރްބައިޖާން ބަލިކޮށްފައިވާ އިރު، މިވަގުތު ފްރާންސް އެއްވަނައިގައި އޮތީ ހަތަރު މެޗުން 10 ޕޮއިންޓާއެކުގައެވެ. ޔުކްރެއިން ދެވަނައިގައި، ހަތަރު މެޗުން ހަތް ޕޮއިންޓާއެކު އޮތުމާއެކު، ދެން ފްރާންސާއި ޔުކްރެއިން ވާދަކުރާ މެޗު ފޯރިގަދަވާނެއެވެ.
ރޭ އައިލޭންޑުން ވަނީ ފުރަތަމަ ހާފުގައި ފްރާންސް ކޮޅަށް ގޯލް ޖަހައިފައެވެ. ވިކްޓޯ ޕްލްސޮން ޖެހި ގޯލުން އެޓީމުން ލީޑު ނަގައިގެން ކުޅެމުން ދަނިކޮށް، ދެވަނަ ހާފަށް ނުކުމެ، ފްރާންސުން ނަތީޖާ އަނބުރާލިއެވެ.
ކްރިސްޓޮފާ އެންކުންކޫއާއި ޖޯން-ފިލިޕް މަޓޭޓާ ޖެހި ގޯލްތަކުން ފްރާންސް ނަތީޖާ އަނބުރާލި އިރު، މަޓެޓާގެ ގޯލަކީ ކްރިސްޓަލް ޕެލެސް ފޯވަޑް ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.
އައިލޭންޑުން މެޗު އެއްވަރުކުރީ 70 ވަނަ މިނެޓުގައެވެ. އެ ގޯލް ޖެހީ ކްރިސްޓިއަން ލައިންސަންއެވެ.
ބެލްޖިއަމް އަވޭގައި 4-2 އިން ވޭލްސް ބަލިކޮށް، މުހިއްމު ތިން ޕޮއިންޓް ހޯދައި، އެޓީމުން ވަނީ ހަ މެޗުން 14 ޕޮއިންޓާއެކު އެއްވަނައަށް ޖެހިލައިފައެވެ. އެ ގްރޫޕްގެ ދެވަނައިގައި ނޯތު މެސަޑޯނިއާ އޮތީ ހަތް މެޗުން 13 ޕޮއިންޓާއެކުގައެވެ. ވޭލްސް ތިންވަނައިގައި އޮތީ ހަ މެޗުން 10 ޕޮއިންޓާއެކުގައެވެ.
ވޭލްސްގެ ޖޯ ރޯޑޮން މެޗުގައި ފުރަތަމަ ލީޑު ނަގާފައިވާ އިރު، ކެވިން ޑި ބްރޭނާއާއި ތޯމަސް މުނިއޭ ވަނީ ހާފު ނިމުމުގެ ކުރިން ބެލްޖިއަމަށް ނަތީޖާ އަނބުރާލަ ދީފައެވެ.
ދެވަނަ ހާފުގައި ޑި ބްރޭނާގެ އިތުރު ގޯލެއް ފެނިގެން ގޮސްފައިވާ އިރު، ވޭލްސްގެ ފަހު ގޯލް ޖެހީ ނެތަން ބްރޯޑްހެޑެވެ. ބެލްޖިއަމުން އިތުރު ގޯލަކާއެކު ނިންމާލި އިރު، އެ ގޯލް ޖެހީ ލިއާންޑްރޯ ޓްރޮސާޑެވެ.
ޖަރުމަނުން ރޭ ނޮދާން އަޔަލޭންޑް ކައިރިން 1-0 އިން މޮޅުވި އިރު، އެ ޓީމުގެ ހަމައެކަނި ގޯލް ޖެހީ ނިއުކާސަލްގެ ފޯވަޑް، ނިކް ވޮލްޓެމޭޑެވެ.
ޖަރުމަނު ހިމެނޭ ގްރޫޕްވެސް އޮތީ ވާދަވެރިކޮށެވެ. ކޮލިފިކޭޝަން ގްރޫޕް އޭގެ އެއްވަނައިގައި ޖަރުމަނު އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓާއެކު، ޖެހި ގޯލްގެ ފަރަގުންނެވެ. އެ ގްރޫޕްގެ ދެވަނައިގައި އޮތް ސްލޮވާކިއާއަށްވެސް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތީ ނޮދާން އަޔަލޭންޑެވެ. ފުލުގައި އޮތީ ލަކްޒެމްބާގެވެ.
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން