އާބާދީގައި އެންމެ ފަސް ލައްކައެއްހާ މީހުން ދިރިއުޅެމުންދާ ކޭޕް ވާޑް، އަންނަ އަހަރު އުތުރު އެމެރިކާ ގައުމުތަކުގައި އޮންނަ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެއެވެ.
ކޭޕް ވާޑުން ވޯލްޑް ކަޕް ޖާގައެއް ޔަގީންކުރީ އެފްރިކާގެ ކޮލިފިކޭޝަން ގްރޫޕް ޑީގެ އެއްވަނަ ޔަގީންކޮށްގެންނެވެ. އެ ގްރޫޕުގައި ކެމަރޫނާއި އެންގޯލާ ފަދަ ގައުމުތައްވެސް ހިމެނޭ އިރު، އޭގެން ގައުމަކުން ވޯލްޑް ކަޕް ޖާގައަކަށް މަސައްކަތް ކުރާނަމަ، ދެން ޖެހޭނީ ގްރޫޕްގެ ދެވަނައިން، ކޮލިފިކޭޝަން އިތުރު މަރުހަލާއަކަށް ދާށެވެ.
ކޭޕް ވާޑުން ރޭ ކުޅުނު މެޗުގައި 15،000 މީހުންނަށް ވަދެވޭ، ހޯމް ދަނޑުގައި އެސްވަޓީނީ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ޑައިލޮން ލިވަރްމެންޓީ އެޓީމަށް މެޗުގައި ލީޑު ނަގައިދިން އިރު، އަނެއް ގޯލްތައް ޖެހީ ވިލީ ސެމެޑޯއާއި ޑިފެންޑަރު ސްޓޮޕީރާއެވެ.
ރޭގެ މެޗު ބެލުމަށް އެގައުމުގެ ރައީސް ޖޯސޭ މާރިއާ ނެވޭސްވެސް ދަނޑަށް ވަޑައިގެން، ސަޕޯޓަރުންނާއެކު އުފާފާޅުކުރައްވާފައިވެއެވެ.
މީގެ ކުރިން އެފްރިކާގެ އެންމެ ބޮޑު މުބާރާތް، އެފްރިކާ ކަޕް އޮފް ނޭޝަންސްގައިވެސް ކޭޕް ވާޑް ވަނީ ހައިރާންކުރުވަނިވި ނަތީޖާތައް ހޯދައިފައެވެ. އެގޮތުން 2013 ވަނަ އަހަރާއި 2023 ވަނަ އަހަރު އެ މުބާރާތުގެ ކުއާޓާ ފައިނަލުން އެޓީމު ޖާގަ ހޯދިއެވެ.
ކޭޕް ވާޑަކީ 10 ރަށެއްގެ މައްޗަށް އެކުވެލޭ ގައުމެކެވެ. އެޓްލާންޓިކް ކަނޑުގައި އޮންނަ އެ ގައުމުގެ އާބާދީއަކީ ގާތްގަނޑަކަށް 525،000 އެވެ. އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޭޕް ވާޑް ތައްޔާރުވެފައިވާ އިރު، އެގައުމު ވެގެންދާނީ ވޯލްޑް ކަޕްގައި ކުޅޭ ދެވަނައަކަށް އެންމެ އާބާދީ ކުޑަ ގައުމަށެވެ.
ކޭޕް ވާޑަށް ޕޯޗުގީޒުން ކައިރިން މިނިވަންކަން ލިބުނީ 1975 ވަނަ އަހަރުއެވެ. އެގައުމުން އެފްރިކާގެ ކޮލިފިކޭޝަންގައި ކުޅެން ފެށީ 2002 ވަނަ އަހަރުން ފެށިގެންނެވެ.
އެންމެ އާބާދީ ކުޑަ ގައުމަކަށް މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނީ އައިސްލޭންޑެވެ. އައިސްލޭންޑް ވަނީ ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ކުޅެފައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026