ގައުމީ ފުޓުބޯޅަ ޓީމުގެ ކަންކަން މިހާރު ދަނީ މަޑުމަޑުން ރަނގަޅުވަމުން ކަމަށާއި، ސަޕޯޓަރުންނާއެކު ރަނގަޅު ކާމިޔާބީތަކަކަށް މަސައްކަތް ކުރަން ބޭނުންވާ ކަމަށް ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) ބުނެފިއެވެ.
އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރުގެ ގްރޫޕް އޭގައި ރާއްޖެއިން މިއަދު ގައުމީ ދަނޑުގައި ތަޖިކިސްތާނާ ދެކޮޅަށް ނުކުންނާނީ މެންދުރުފަހު 3:30 ގައެވެ.
އެ މެޗާ ގުޅޭ ގޮތުން ގައުމީ ދަނޑުގައި އިއްޔެ ބޭއްވި ޕްރެސްގައި ސަމުއްޓެ ބުނީ ގިނަ ދުވަސްތަކެއް ފަހުން ގައުމީ ދަނޑަށް، ސަޕޯޓަރުން ކުރި މައްޗަށް ނުކުތުމަކީ ޕްރެޝަރެއްގެ އިތުރުން ހިތްހަމަ ޖެހުމެއް ކަމަށެވެ.
"ވަރަށް ގިނަ ދުވަސްފަހުން ގަލޮޅު ދަނޑުގައި މެޗެއް މި ކުޅެނީ. ހުންނާނެ އުނދަގޫ ކަންތައްތަކެއް. އެކަމަކު އެކަމަށް ފޯކަސް ނުކޮށް، މިހާރު މުޅި ފޯކަސް މިހުރީ މެޗުން ޕޮއިންޓެއް ހޯދަން ނޫނީ މޮޅެއް ހޯދަން. ސަޕޯޓަރުންނަށް ދަންނަވާނީ ދަނޑަށް ހާޒިރުވެ ސަޕޯޓްކޮށްދޭށޭ ޓީމަށް، އިރާދަކުރެއްވިއްޔާ ރަނގަޅު ނަތީޖާއެއް ނެރެވޭތޯ، ހުރިހާ ޕްލޭޔަރުން ވެސް މަސައްކަތް ކުރާނެއޭ،" ސަމުއްޓެ ބުންޏެވެ.
މީގެ ކުރިންވެސް ގައުމީ ޓީމުން ގަލޮޅު ދަނޑުގައި އޭޝިއާގެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެ، ރަނގަޅު ވާދައެއް ކޮށްފައިވާ އިރު، އެ ނަތީޖާތަކާ ހަމައަށް ޓީމު ދާކަމުގެ ބައެއް މަންޒަރުތައް ފެންނަމުންދާ ކަމަށް ސަމުއްޓެ ފާހަގަކުރިއެވެ. އެގޮތުން ތަޖިކިސްތާނާ ދެކޮޅަށް އެގައުމުގައި ކުޅުނު މެޗުގައި ޓީމުގެ ފަރާތުން ޕޮސިޓިވް ކަންތައްތަކެއް ފެނުނު ކަމަށް އޭނާ ފާހަގަކުރިއެވެ.
"ވަރަށް ބޮޑު ޕޮޒިޓިވްއެއް ފެނުނު އެމެޗުން، ޕްލޭޔަރުންގެ ކޮންފިޑެންސާ އެއްޗެހި ރަނގަޅުވީމަ، ބޯޅަ ހިފަހައްޓައިގެން ކުޅެލަން މަަސައްކަތް ކުރަނީ. އޭތި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާގައި ޓީމު ރަނގަޅުވާނެ،" ސަމުއްޓެ ބުންޏެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު