އަތޮޅު ކައުންސިލްތައް އުވާލުމުން ކައުންސިލްތަކަށް ސަރުކާރުން ދޫކުރާ ބްލޮކް ގްރާންޓް ބޮޑުވެގެންދާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު، ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ އެ އަތޮޅު ބިލެތްފައްސަށް ވަޑައިގެން ރޭ އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ މިއަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ބޮޑު ބްލޮކް ގްރާންޓެއް ދިނުމަށް ކަނޑައަޅާނެ ކަމަށެވެ. ރައީސް ވިދާޅުވީ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ދޭ ފައިސާގެ އަދަދުވެސް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.
އެ މަނިކުފާނު އެދިވަޑައިގަންނަވަނީ އެ ފައިސާގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
"ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް އަދި ރަށު ކައުންސިލްތައް އޮންނައިރު އަތޮޅު ކައުންސިލްތައް އަޅުގަނޑުމެން މި އުވާލަނީ. އުވާލީމަ ދެން ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް ބަޖެޓް ހަމަޖައްސާއިރު ރަށު ކައުންސިލްތަކަށް މިހާރު މިއޮންނަ ޕަސެންޓޭޖް އަޅުގަނޑުމެން އެބަ ބޮޑުކުރަން." ރައީސް ވިދާޅުވީއެވެ.
"މާނައަކީ ރަށްރަށުގެ ކައުންސިލްތަކަށް ލިބޭ އަދަދު ބޮޑުވާނެ ނިސްބަތުން. އަދި އޭގެ ތެރެއިން ޑަބްލިއުޑީސީތަކަށް ދޭ އަދަދު ދެގުނައަށް މި ބޮޑުކޮށްދެނީ. މާނައަކީ މިހާރު ދޭ މި ފަސް ޕަސަންޓް 10 ޕަސަންޓަށް ބޮޑުވެގެން އެބަދެއޭ،"
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ބޭނުންފުޅުވަނީ ލާމަރުކަޒީ ނިޒާމު ކުރިއަރުވައި ކައުންސިލްތަކުން މާލެއަށް ބަރޯސާ ވާން ޖެހޭ ޖެހުން ނިމުމަކަށް ގެންނަން ކަމަށެވެ.
ރައީސް މިދިޔަ ސެޕްޓެމްބަރުމަހުގެ ފަސްވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވެސް ވިދާޅުވެފައިވަނީ ރަށުގެ ބޮޑުމިނަށް ރިއާޔަތްކޮށްގެން ކައުންސިލްތަކަށް އާންމު ހިލޭ އެހީ (ބްލޮކް ގްރާންޓް) ފައިސާ ދިނުމަށް ނިންމާފައިވާ ކަމަށެވެ. ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 79 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ އާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅައިފައިވާ ފިސްކަލް ފޯމިއުލާ ގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދު ކަމަށެވެ.
އާބާދީ ކުޑަ ނަމަވެސް، ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތް މަދު ނޫން ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
"އެހެންކަމުން، ބްލޮކް ގްރާންޓުގެ ފިސްކަލް ފޯމިއުލާ މިހާރު ކަނޑައަޅާފައިވާ ގޮތުން، އެ ކައުންސިލްތަކަށް ގެއްލުން ވާތީ ފިސްކަލް ފޯމިއުލާ މުރާޖާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކޮށް، 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު މި ބަދަލާއެކު ހުށަހެޅުމަށް ވާނީ ނިންމާފައި،" ރައީސް ވިދާޅުވެފައިވެއެވެ.
ހަމަ އެ ދުވަހު ރައީސް އެކްސްގައި ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރިކުރުވުމަށްޓަކައި، އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުމުގެ ކުރީން ދެ ބަދަލެއް ގެންނަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ފުރަތަމަ ބަދަލަކީ "އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓުގެ ގޮތުގައި، ކައުންސިލްގެ ބަޖެޓުން ދެމުން ގެންދާ ފަސް ޕަސަންޓް ދެގުނަ ބޮޑުކޮށް، 10 ޕަސަންޓަށް ބަދަލުކުރުން" ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ދެވަނަ ބަދަލަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ދޭ ރޯދަ އެލަވަންސް، އެ ކޮމިޓީގެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަމަޖެއްސުން ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ސަރުކާރުގެ ފަރާތުން މިހާރުވަނީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް އަތޮޅު ކައުންސިލް އުވާލުމަށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު