ށ. ގޮއިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

ށ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ގޮއިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.

އެ ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ގޮއިދޫ ކައުންސިލުގެ މެންބަރު އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ފަރުމަސްވެރިކަމާއި ދަނޑުވެރިކަމަށް މަޝްހޫރު، 796 މީހުންގެ އާބާދީއެއް އޮންނަ ގޮއިދީގެ ބަނދަރުގެ ދަތިކަން އެ ރަށުގެ ރައްޔިތުން ތަހައްމަލުކުރާތާ މިހާރު ޒަމާންތަކެއް ވަނީ ވެފައެވެ. ރަށް އޮންނަ ސަރަހައްދުގެ ގޮތުން، ހއ. އަތޮޅު އަދި އުތުރުގެ އެހެން އަތޮޅުތަކަށް ދަތުރުކުރުމަށް ގޮއިދޫ ބަނދަރު ވަރަށް ގިނައިން ބޭނުންކުރެއެވެ. އޭގެ އިތުރުން ގޮއިދޫއަކީ، ދަނޑުވެރި ރަށަކަށްވާތީ ދަނޑުވެރީންނަށް ބޭނުންވާ މުދާ ބޭރުކުރުމަށް ވެސް އެ ބަނދަރު ބޭނުންކުރެއެވެ.

އެމްޓީސީސީން ބުނީ މިއަދު ސޮއިކުރި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ނިމުމާއެކު، މަސްވެރި އުޅަނދުތައް އަޅާފައި ބާއްވާނެ ޖާގަ ތަނަވަސް ބަނދަރެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށާއި އަދި މުދާ ބަރުކުރުމާއި ލަފައި ފުރުމަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން، 39،099 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު އަދި ނެރު ފުންކުރުމާއި، 238 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 103 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 374 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 27 މީޓަރުގެ މޫދު ތެރެއަށް ވާގޮތަށް ބޭރުތޮއްޓެއް ލުމާއި، 2235 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްކުރާނެއެވެ.

ގޮއިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަކީ 68.39 މިލިއަން ރުފިޔާއަށް، 450 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.