އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރުގެ ގްރޫޕް އޭގައި ރާއްޖެއިން މާދަމާ ތަޖިކިސްތާނާ ދެކޮޅަށް ކުޅެން ޖެހެނީ އުނދަގޫ މެޗެއް ނަމަވެސް، ސަޕޯޓަރުންނާއެކު ގޮތެއް ހަދައިލެވިދާނެ ކަމަށް ކޯޗު މުހައްމަދު ޝިޔާޒް މޯހަން ބުނެފިއެވެ.
ކޮލިިފިކޭޝަންގައި ރާއްޖެއިން މިހާތަނަށް ކުޅުނީ އަވޭ ތިން މެޗެވެ. ދެން ރާއްޖެއަށް ބާކީ އޮތީ ހޯމް ތިން މެޗެވެ. އޭގެ ތެރެއިން ފުރަތަމަ މެޗުގައި މާދަމާ ތަޖިކިސްތާނާ ދެކޮޅަށް ނުކުންނާނީ މެންދުރުފަހު 3:30 ގައެވެ.
ގައުމީ ދަނޑުގައި މިއަދު ބޭއްވި ޕްރި މެޗު ޕްރެސްގައި މޯހަން ފާހަގަކުރީ ތަޖިކިސްތާނުގައި ކުޅުނު މެޗުގެ ނަތީޖާއަކީ އެންމެ ހިތްހަމަ ޖެހޭ ނަތީޖާ ނޫން ނަމަވެސް، އެމެޗުގައި ކުޅުނު ކުޅުމަށް ހިތްހަމަ ޖެހޭ ކަމަށެވެ. އެ މެޗަށްފަހު ރާއްޖެ އައިސް، މާދަމާގެ މެޗާ ދެމެދު ލިބުނީ މަދު ވަގުތުކޮޅެއް ނަމަވެސް، ރަނގަޅަށް ތައްޔާރުވެވިފައިވާ ކަމަށް ކޯޗު މޯހަން ފާހަގަކުރިއެވެ.
ތަޖިކިސްތާނުގައި ކުޅުނު މެޗުން ރާއްޖެ 2-0 އިން ބަލިވި އިރު، އޭގެ ކުރިން ޓިމޯ ލެސްޓާ އަތުން ބަލިވެފައި އޮތީ 1-0 އިންނެވެ. އަދި އެންމެ ފުރަތަމަ މެޗުގައި ރާއްޖެ ފިލިޕީންސް ކައިރިން ބަލިވެފައި އޮތީ 4-1 ގެ ނަތީޖާއަކުންނެވެ.
މިއަދުގެ ޕްރެސްގައި މޯހަން ބުނީ ތަޖިކިސްތާނަކީ އާދައިގެ ޓީމެއް ގޮތުގައި ނުބެލެވޭނެ ކަމަށާއި، އެއީ އޭޝިއަން ކަޕްގައިވެސް ރަނގަޅު ފެންވަރެއްގައި ކުޅެފައިވާ ޓީމެއް ކަމަށެވެ. އެހެން ނަމަވެސް، އެކަމަށް މެންޓަލީ ތައްޔާރު ކަމަށް އޭނާ ފާހަގަކުރިއެވެ. އެއާއެކު މެޗު މުހިއްމު ވަނީ ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތަށް ބަދަލެއް ގެންނަން ކުރާ މަސައްކަތުގެ ބަޔަކަށް ވާތީ ކަމަށް މޯހަން ބުންޏެވެ.
"މެޗު އެންމެ މުހިއްމުވާ ސަބަބަކީ ފުޓުބޯޅަ ކުރިއެރުވުމަށް ކުރާން ޖެހޭ މަސައްކަތުގެ ތެރެއިން، އެ ޕްރެޝަރު އަޅުގަނޑުގެވެސް އޮތީ. (އަޅުގަނޑުވެސް) އުންމީދު ކުރާނެ ފުރަތަމަ ދުވަހުން ފެށިގެންވެސް ކާމިޔާބީއަށް. އެހެން ނަމަވެސް ހަގީގަތަކީ މިހާރު މިއޮތް ހާލަތަކީ އެއް ދުވަހުން ދެދުވަހުން ބަދަލުވާނެ ހާލަތެއް ނޫންކަން. ފަހަތަށް ދިޔުމެއްގައި މި އުޅެން ޖެހުނީ. އެހެންވީމަ އަހަރުތަކެއް ނަގާނެ ކުރިއަށް ދާން. އެއްވެސް ހާލެއްގައި މިއީ އެކްސްކިއުޒެއް ނޫން،" މޯހަން ބުންޏެވެ.
ގައުމީ ޓީމުން އެންމެފަހުން ގައުމީ ދަނޑުގައި މެޗެއް ކުޅުނީ މީގެ 730 ދުވަސް ކުރީންނެވެ. އޭގެފަހުން ގައުމީ ދަނޑުގައި ގައުމީ ޓީމުގެ މެޗެއް ނުކުޅެ އޮތް އޮތުމަށް މޯހަން ބުނީ، އޭގެ ސަބަބުން "ހޯމް ޕްރެޝަރު" އޮންނާނެ ކަމަށެވެ.
"ހޯމް ޕްރެޝަރަކީ އޮންނަ އެއްޗެއް ނޫން ކަމަށް ބައެއް މީހުން ބުނެފާނެ. އެކަމަކު އެއީވެސް އޮންނަ އެއްޗެއް. ހޯމް އެޑްވާންޓޭޖްވެސް އެހެން އޮންނާނެ. އެ ދެކަންތައްވެސް އޮންނާނެ. އެ ޕްރެޝާއަކަށް މި ވަނީ ގައުމީ ދަނޑުގައި ގިނަ ދުވަސްތަކެއް ވަންދެން މެޗު ނުކުޅެ އޮތުމަށްފަހު ކުޅެން ޖެހޭތީ. ކުޅުންތެރިންނަށް ހޯމަށް ލިބޭ އިތުބާރާއެކު ޕްރެޝަރަކަށްވިޔަސް، ސަޕޯޓަރުންގެ ސަޕޯޓަކީ ކުޅުންތެރިންގެ ވަރަށް ބޮޑު ހިތްވަރަކަށްވާނެ،" ދާދިފަހުން ގައުމީ ޓީމާ ހަވާލުވި ކޯޗު، މޯހަން ބުންޏެވެ.
މޯހަން ބުނީ ތަޖިކިސްތާނާ ދެކޮޅަށް މީގެ ދުވަސްކޮޅެއް ކުރިން ކުޅުނު މެޗުގެ 11 އަށް މާ ބޮޑު ބަދަލެއް ނާންނަ ނަމަވެސް، މެދުތެރެއިން ކުޅޭ އިބްރާހީމް އައިސަމް ސަސްޕެންޝަނުގެ ސަބަބުން އޭނާ ނުފެންނާނެ ކަމަށެވެ. އެހެން ނޫނިއްޔާ ދެން ބަދަލެއް ނުފެންނާނެ ކަމަށް ބުނެ މޯހަން ބުނީ، މިހާރު ތައްޔާރުވެފައި އޮތް މިންވަރުން ސަޕޯޓަރުންގެ ހިތްވަރާއެކު "އިންޝާﷲ ގޮތެއް ހަދާލެވޭނެ،" ކަމުގެ ޔަގީންކަން ބޮޑު ކަމަށެވެ.
ތަޖިކިސްތާނަށް މެޗު މުހިއްމުވާނެ، ކުރިއަށް ދާން. އެހެންވީމަ އެޓީމަށް އެކަން އޮންނާނެ. އަހަރެމެން ކުޅޭނީ ގައުމުގެ ޕްރައިޑަށްޓަކައި. ސަޕޯޓަރުންނަށްޓަކައި. އަދި އެހެންވިޔަސް ތާވަލުގައި ޕޮއިންޓެއް ނުލިބި އޮންނަ އޮތުމަކީ ޕްރެޝަރަކަށް ވާނެ. އެހެންވީމަ، އެ ހާލަތުން އަރައިގަތުމަށް، ސަޕޯޓަރުންނާއެކު ނުކުންނަން ބޭނުންވަނީ،" މޯހަން ބުންޏެވެ.
މޯހަން އިތުރަށް ފާހަގަކުރީ ސަޕޯޓަރުންގެ އެހީ މެޗަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
"ޓީމަށް ސަޕޯޓް ކުރުން ވަރަށް މުހިއްމު. ލަންކާގައި ކުޅުނު މެޗުންވެސް އެކަން ފެނިގެން ދިޔަ، ސަޕޯޓަރުންގެ ސަބަބުން ޓީމަށް ލިބުނު ހިތްވަރު. އެއީ ވަރަށް ބޮޑު ހިތްވަރެއް. ސަޕޯޓަރުން ކޮށްލާ ސަޕޯޓަކީ ނުދުވެވި އިންނަ މީޓަރަކަށް ދުވެލަން ލިބޭ ހިތްވަރެއް. އެއީ ވަރަށް ބޮޑު ތަފާތެއް އަންނާނެ ކަމެއް. އިރާދަކުރެއްވިއްޔާ ދަނޑުގައި ދިވެހި ރާއްޖޭގެ އަޑު، މޯލްޑިވްސްގެ އަޑު އިވިއިވި 90 މިނެޓް ހުރެއްޖެނަމަ، އެއީ ކުޅުންތެރިންނަށް އިތުރު ފިޔަވަޅެއް އަޅަން ލިބޭނެ ހިތްވަރެއް،" ކުރިން ކްލަބުތަކުގައިވެސް ރަނގަޅު މަސައްކަތެއް ކޮށްފައިވާ ކޯޗު، މޯހަން ބުންޏެވެ.
މުޙައްމަދު ޝަމްޢޫން
މުހައްމަދު ޝިޔާޒް (މޯހަން)
މުހައްމަދު ޝިޔާޒް (މޯހަން)
މުހައްމަދު ޝިޔާޒް (މޯހަން)
މުހައްމަދު ޝިޔާޒް (މޯހަން)