ލިވަޕޫލްގެ އާ މިޑްފީލްޑަރު، ޖަރުމަނުގެ ފްލޯރިއަން ވާޓްސްގެ ފޯމު ދަށްކޮށް ފެންނަނީ ރަނގަޅަށް ލީގަށް އެޖެސްޓް ނުވާތީ ކަމަށާއި ވަރަށް އަވަހަށް ތަފާތު ފެންނާނެކަމުގެ ޔަގީންކަން ޖަރުމަނު ކޯޗު، ޖޫލިއަން ނަގެލްސްމަން ދީފިއެވެ.

މި ސީޒަނަށް ތައްޔާރުވުމަށް ލިވަޕޫލުން ވާޓްސް ގެންގޮސްފައި ވަނީ، އޭރުގެ ޓްރާންސްފާ ރެކޯޑު މުގުރާލައި، 100 މިލިއަން ޕައުންޑަށެވެ. އެއީ ބަޔާން ލެވަކޫސަންއިންނެވެ. އޭގެ އިތުރުންވެސް ހަބަރުތައް ބުނީ ވާޓްސްއަށް ބޯނަސް ފައިސާގެ ގޮތުގައިވެސް ލިވަޕޫލުން 16 މިލިއަން ޕައުންޑް ދިން ކަމަށެވެ.

އެ އަގުގައި ގެންދިޔަ ވާޓްސްގެ ކުޅުން އަދި މިހާތަނަށް އެންމެ ރަނގަޅު ފޯމެއްގައި ފެނިގެން ގޮސްފައެއް ނުވެއެވެ. އެގޮތުން ލިވަޕޫލާއެކު ލީގުގައި ވާޓްސް ކުޅުނު ހަތް މެޗުގައިވެސް ގޯލެއް އަދި އެސިސްޓެއް އޭނާގެ ފަރާތުން ފެނިގެން ގޮސްފައެއް ނުވެއެވެ.

އެއީ ވާޓްސް ލެވަކޫސަންއަށް ދެއްކި ފޯމާ އަޅައި ބަލާ އިރު، މާ ބޮޑަށްވެސް ދަށް ފޯމެކެވެ. ކޮލޯންއިން 2020 ވަނަ އަހަރު ލެވަކޫސަންއަށް ބަދަލުވެ، އޭގެފަހުން ވާޓްސް ލެވަކޫސަންއަށް ކުޅުނު 197 މެޗުގައި، ވާޓްސް ވަނީ 57 ގޯލް ޖަހައި، 65 އެސިސްޓް ފުރިހަމަ ކޮށްފައެވެ.

"ވާޓްސް ގޯލް ނުޖެހިޔަސް، އޭނާއަކީ ލިވަޕޫލްގައި މިހާރުވެސް ހުރި އެންމެ ކްރިއޭޓިވް ކުޅުންތެރިޔާ. އޭނާގެ މައްސަލައެއް ނޫން އެއީ ދޭ ޕާސްތައް ނިންމާނުލުމަކީ. އެހެން ނޫނަސް، ސްޓެޓިސްޓިކްސް އަކީ ހުރިހާ އެއްޗެއް ނޫން،" ޖަރުމަނު ކޯޗު ނަގެލްސްމަން ބުންޏެވެ.

ނަގެލްސްމަން އިތުރަށް ބުނީ ވާޓްސްވެސް އާ ލީގަކަށް ހޭނެން ވަގުތު ބޭނުންވާނެ ކަމަށާއި މިހާރުވެސް ކުޅެމުން އެދަނީ މިނިވަންކަމާއެކު، ވަރަށް ރަނގަޅު ރޫހެއްގައި ކަމަށެވެ. ހާއްސަކޮށް ވާޓްސްއަކީ އަބަދުވެސް ބުރަކޮށް މަސައްކަތްކޮށް، ފޯމު އަނބުރާލާނެ ކުޅުންތެރިއެއްކަން ޔަގީންކުރާ ކަމަށް ނަގެލްސްމަން ބުންޏެވެ.