އިތުރު ސަސްޕެންޝަނެއްގެ ތުންފަތްމަތީގައި އޮތް އިންޑިއާގެ ފުޓުބޯޅަ އިދާރާ، އޯލް އިންޑިއާ ފުޓްބޯލް ފެޑަރޭޝަން (އޭއައިއެފްއެފް) އިން އާ ހިންގާ ގަވާއިދު ފާސްކޮށްފިއެވެ.

އޭއައިއެފްއެފްއިން އާ އަސާސީ ގަވާއިދު ފާސްކުރީ ރޭ ބޭއްވި ހާއްސަ އާއްމު ޖަލްސާއެއްގައެވެ. އާ އަސާސީ ގަވާއިދު ޖަލްސާއިން ފާސްކޮށްފައި ވަނީ އޭގައި ހިމެނޭ ދެ މާއްދާއެއް ނުލައެވެ. އެއީ އަދިވެސް މައްސަލަ ސްޕްރީމް ކޯޓުގައި އޮތުމުންނެވެ.

އާ އަސާސީ ގަވާއިދު ފާސްކުރަން ނެގި ވޯޓުގައި 32 މެމްބަރަކު ވޯޓު ދިން އިރު، އާ އަސާސީ ގަވާއިދާ އެއްކޮޅަށް ވޯޓު ދިނީ 29 މެމްބަރުންނެވެ. އިންޑިއާގެ ފުޓުބޯޅަ އިދާރާ، އޭއައިއެފްއެފްއިން ބޭއްވި އާއްމު ޖަލްސާގައި އެކްސްކޯ މެމްބަރުންނާއި ފީފާ އަދި އޭއެފްސީ މަންދޫބުންވެސް ބައިވެރިވެފައިވެއެވެ.

އާ އަސާސީ ގަވާއިދުގައި ހިމެނުނު ނަމަވެސް، އަމަލުނުކުރަން ނިންމާފައި ވަނީ 23.3 ވަނަ މާއްދާ އާއި 25.3 ވަނަ މާއްދާއެވެ.

އޭގެ ތެރެއިން 23.3 ވަނަ މާއްދާގައި ބުނަނީ ކުރިއަށް އޮތް ތަނުގައި އޭއައިއެފްއެފްގެ އަސާސީ ގަވާއިދަށް ބަދަލެއް ގެންނަނަމަ، ސްޕްރީމް ކޯޓުގެ އެޕްރޫވަލް ހޯދަން ޖެހޭ ކަމަށެވެ. އެ މާއްދާ މިހާރު އޮތް ގޮތުން، އޭއައިއެފްއެފްގެ ހިންގުމަށް ތިންވަނަ ފަރާތެއްގެ ނުފޫޒު އޮންނަ ކަމަށް ފީފާއިން ބަލާނެ ކަމަށް ބެލެވެއެވެ.

އަނެއް މާއްދާގައި ބުނެފައި ވަނީ އޭއައިއެފްއެފްގެ އެކްސްކޯގައި ހިމެނޭ މެމްބަރަކީ ސްޓޭޓް އެސޯސިއޭޝަންތަކުގެ މެމްބަރުންނަށް ވެގެން ނުވާނެ ކަމަށެވެ. އެގޮތަށް އެ މާއްދާއަށް އަމަލުކުރަން ފަށައިފިނަމަ، މިހާރުގެ އޭއައިއެފްއެފް އެކްސްކޯގައި ހިމެނޭ 16 މެމްބަރުންގެ ތެރެއިން 12 މެމްބަރުންގެ މަގާމު ގެއްލޭނެއެވެ.

އޭއައިއެފްއެފްއިން އާ ހިންގާ ކޮމިޓީ އަވަހަށް ފާސްކޮށްފައި ވަނީ މިމަސް ނިމޭ އިރު، އާ ހިންގާ ގަވާއިދު ފާސް ނުކޮށް އޮތް ނަމަ، އަނެއްކާވެސް ފީފާގެ ސަސްޕެންޝަނެއްގެ ބިރު އޮތުމުންނެވެ.

އާ ހިންގާ ގަވާއިދު ފާސްވެފައި އޮތް ނަމަވެސް، އަމަލުކުރުން ފަސްކޮށްފައިވާ ދެ މާއްދާއާ ގުޅޭ ގޮތުން ސްޕްރީމް ކޯޓުން ފަނޑިޔާރުން މިހާރު ދަނީ ލަފާ ހޯދަމުންނެވެ. އެގޮތަށް އެ ދެ މާއްދާ އުނިކުރަން ސީދާ ނިންމޭނީ ސްޕްރީމް ކޯޓުން ލަފާ ދޭ ގޮތަކުންނެވެ.

އިންޑިއާ ފުޓުބޯޅައިގެ ހިންގުން އުނދަގޫތަކެއްގައި

އިންޑިއާ ފުޓުބޯޅަ އިދާރާގެ ރައީސް ޕްރަޕުލް ޕަޓޭލްގެ ލީޑާޝިޕާއި ސަރުކާރާ ހިޔާލު ތަފާތުވެ، ސަރުކާރުން ސުޕްރީމް ކޯޓަށް ވެއްދި މައްސަލައިގައި 2022 ވަނަ އަހަރު މެއި މަހު ކޯޓުން ނިންމީ، އިންޑިއާ ފުޓްބޯޅައިގެ ރައީސް ޕަޓޭލްގެ ލީޑާޝިޕް ނިމުމަކަށް ގެންނާށެވެ. އެ ނިންމުމުގައި އަންގާފައިވަނީ ކަންކަން ހައްލުކުރުމަށް ވަކި މުއްދަތެއް، ހާއްސަ ތިން މެމްބަރުންގެ ކޮމިޓީއަކަށް ދިނުމަށެވެ.

އިންޑިއާ ފުޓްބޯޅައިގެ ރައީސްގެ މަގާމު ތިން ދައުރުކުރެއްވި، ޕަޓޭލްއާ ދެކޮޅަށް އިންޑިއާގެ ކުޅިވަރާ ބެހޭ މިނިސްޓްރީން ކޯޓަށް މައްސަލަ ހުށަހެޅީ 2020 ވަނަ އަހަރު ޑިސެމްބަރު މަހަށް އޭނާގެ ދައުރު ހަމަވި އިރު ވެސް އިންތިހާބު ބާއްވާފައި ނުވާތީއެވެ.

އެކަމުގައި ފީފާއާ ބައްދަލުކުރުމުން، ފީފާއިން އިންޑިއާއަށް ދީފައިވާ ފުރުސަތަކީ 2022 ވަނަ އަހަރު ޖުލައި މަހުގެ ނިޔަލަށް ހިންގާ ގަވާއިދަށް ބަދަލުތަކެއް ގެނެސް، ސެޕްޓެމްބަރު މަހުގެ ނިޔަލަށް އާ އިންތިހާބެއް ބޭއްވުމަށެވެ. އެފަހަރު އިންތިހާބަކަށް ނުދެވި، ސްޕްރިީމް ކޯޓުގެ ނިންމުމާއެކު 2022 ވަނަ އަހަރު އޮގަސްޓް މަހު ފީފާއިން އިންޑިއާ ސަސްޕެންޑް ކުރިއެވެ.

އެހެން ނަމަވެސް ސްޕްރީމް ކޯޓުން ފުރަތަމަ އުފެއްދި ކޮމިޓީ އުވާލައި، ހިންގުމުގެ ބާރު އެކްސްކޯއަށް ދިޔުމުން އޭގެ ދެ ހަފުތާ ފަހުން އަނެއްކާވެސް ސަސްޕެންޝަން އުވާލިއެވެ. އެއީ ޝަރުތުތަކަކާ އެކުގައެވެ. އޭގެ ތެރޭގައި އާ ހިންގާ ގަވާއިދު ފާސްކުރުން ހިމެނެއެވެ. އެހެން ނަމަވެސް، އެ ހިންގާ ގަވާއިދުގައި އަމަލުނުކުރަން ނިންމާފައިވާ މާއްދާތަކަށް ސްޕްރީމް ކޯޓުގެ އާނބަސް ނުލިބިއްޖެނަމަ، އަނެއްކާވެސް އިންޑިއާ ފުޓުބޯޅަ ސަސްޕެންޝަނަކަށް ދާނެ ކަމަށް ބެލެވެއެވެ.