މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް، މުއާޒް އަލީ ރިޝްވަތަށް އެދިފައިވާ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް، ހ. ނިއުހެޕިނަސް މުއާޒް އަލީގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.
އެ މައްސަލައަކީ 2018 ވަނަ އަހަރު އަމިއްލަ ކުންފުންޏަކުން ރާއްޖެ އެތެރެކުރި 450 ސިނގިރޭޓް ކޭސް ކަސްޓަމްސްގެ ހުޅުމާލޭ ބޮންޑެޑް ވެއާހައުސްގައި ބެހެއްޓުމަށްފަހު، އެ ކޭސްތަކުގެ ތެރެއިން 430 ސިނގިރޭޓް ކޭސް ރީ-އެކްސްޕޯޓްކުރުމަށް ފުރިހަމަކުރަން ޖެހޭ ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށް ހުޅުމާލޭ ބޮންޑެޑް ވެއާހައުސްއިން ދޫކޮށްފައިވީ ނަމަވެސް، އެ ސިނގިރޭޓް ކޭސްތައް ރީ-އެކްސްޕޯޓްކޮށްފައި ނުވާތީ، ކަސްޓަމްސްއިން ބަލަމުންދިޔަ މައްސަލައެކެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކަސްޓަމްސްއިން ބަލަމުންދިޔަ އެ މައްސަލަ، އެ ކުންފުންޏަށް ފަހިވާ ގޮތަށް ނިންމުމުގެ މުގާބިލުގައި އެ އަމިއްލަ ކުންފުނީގެ ދެ ފަރާތެއްގެ ކިބައިން މުއާޒް އަލީ ރިޝްވަތަށް އެދިފައިވާކަން ތަހުގީގުން ހޯދިފައިވާ ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ ނަމެއް އޭސީސީން އާންމުކޮށްފައެއް ނުވެއެވެ.
އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން އެނގި ހުރެގެން މަންފާއަކަށް އެދުމާއި، ގަބޫލުކުރުމާއި، ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ގަބޫލުކުރުމަށް އެއްބަސްވުމުގެ ކުށުގެ ދައުވާ ކަމަށް އޭސީސީން ބުންޏެވެ.
އެ މައްސަލައިގެ ތުހުމަތުގައި ކަސްޓަމްސްގެ ވަޒީފާއިން މުއާޒް ވަކިކުރީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން