ގައުމީ ޓީމުގެ ކުރީގެ ޑީފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ)، ކްލަބު އީގަލްސްގެ ކޯޗުކަމާ ހަވާލުވެއްޖެއެވެ.

ރާއްޖޭގެ ފުރަަތަމަ ޑިވިޝަނުގެ ފުޓުބޯޅަ، ދެ އަހަރެއްހާ ދުވަހަށް މެދުކެނޑުމަކަށްފަހު އަލުން ފަށައިގެން ކުރިއަށްދާ އިރު، މިހާތަނަށް ލީގުގައި ކުޅުނު މެޗުތަކުގައި އީގަލްސްއަށް އިރުޝާދު ދިނީ އަހުމަދު ނިމާދު (ނިމާ)އެވެ. އޭނާއަކީ އެ ކްލަބުގެ އެސިސްޓެންޓް ކޯޗުމުގައި ޒަމާންވީ ކޯޗެކެވެ. އޭގެ އިތުރުން ކެއާޓޭކާއެއްގެ ގޮތުގައި މީގެ ކުރިން ނިމާ ވަނީ ޓީމުގެ އެންމެ އިސް ކޯޗުގެ މަގާމު އެކި ފަހަރުމަތިން ކޮށްފައެވެ.

ނިމާ ކޯޗަކަށް ނުކުތީ، އެޓީމާ ހަވާލުވެ ހުރި މުހައްމަދު ޝިޔާޒް (މޯހަން) ގައުމީ ޓީމުގެ ކޯޗުމާ ހަވާލުވި ހިސާބުންނެެވެ. މި ސީޒަނުގެ ޕްރި ސީޒަނުގައިވެސް އީގަލްސްއިން މޯހަންގެ އިރުޝާދުގެ ދަށުން ތަމްރީނުތައް ފުރިހަމަކޮށްފައިވާ އިރު، ގައުމީ ޓީމާ އޭނާ ހަވާލުވީ ސީޒަން ފެށެން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށެވެ.

ނިމާއާއެކު މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗުންވެސް އީގަލްސްއަށް މޮޅެއް ހޯދިފައި ނުވާ އިރު، ދެމެޗުން ވަނީ ބަލިވެފައެވެ. އަނެއް މެޗުންވީ އެއްވަރެވެ. އެ ފޯމާއެކު ދެ ފަރާތް ވާހަކަ ދައްކައި، ނިމާ މިހާރު މަގާމުން ދުރަށް ޖެހިލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ބެންޖޯ، 41، އީގަލްސްގެ ކޯޗުކަމާ ހަވާލުވިކަން އޭނާ "ވަން ސްޕޯޓްސް"އަށް ވަނީ ކަށަވަރު ކޮށްދީފައެވެ. ބެންޖޯ ބުނީ އީގަލްސްއާ ހަވާލުވާން ނިންމީ، ކެރިއަރުގައި ލިބުނު ރަނގަޅު ފުރުސަތަކަށްވާތީ ކަމަށެވެ.

"ކެރިއަރުގައި ކޮންމެ މީހެއްވެސް ވިސްނާނެ ދޯ ކުރިއެރުންތަކަށް. އެކަމަށް ބަލާއިރު، އީގަލްސް ކަހަލަ ކްލަބަކުން ފުރުސަތު ލިބުމަކީ ވަރަށް ރަނގަޅު ފުރުސަތެއް. އެ ފުރުސަތު ދޫކޮށްނުލަން ވެގެން މި މަގާމާ ހަވާލުވީ. މިއީ ކެރިއަރުގައި އެންމެ ރަނގަޅު އެއް ފުރުސަތު،" ބެންޖޯ ބުންޏެވެ.

ބެންޖޯއަކީ ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ބޮޑު ކުޅުންތެރިއެކެވެ. 2005 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް އޭނާ ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ އިރު، ކެރިއަރު ފެށީ ހުއްރިއްޔާ ސްޕޯޓްސް ކްލަބުންނެވެ. އޭގެފަހުން ވީބީ ސްޕޯޓްސް ކްލަބަށްވެސް އޭނާ ކުޅެފައިވާ އިރު، އެފަހުން ވެލެންސިއާ، އީގަލްސް، ނިއު ރޭޑިއަންޓްސް ސްޕޯޓްސް ކްލަބު، ޓީސީ ސްޕޯޓްސް ކްލަބު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކްލަބަށްވެސް ބެންޖޯ ކުޅެފައިވެއެވެ.

ބެންޖޯ އެންމެފަހުން 2023 ވަނަ އަހަރު ސީޒަން ނިންމާލީ އީގަލްސްއިންނެވެ. އޭގެފަހުން ފުޓްސަލް ކޯޗިންގައި ބެންޖޯ ފާހަގަކޮށްލެވިފައިވާ އިރު، އޭނާ ވަނީ 2009 ވަނަ އަހަރުން 2011 ވަނަ އަހަރަށް ގައުމީ ފުޓުބޯޅަ ޓީމަށްވެސް ކުޅެފައެވެ.