އިޒްރޭލުން ގައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް އިޓަލީގައި ކުރަމުންދާ މުޒާހަރާތައް، ޔޫއެފާ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗާ ދިމާކޮށް ވަރުގަދަކުރުމަށް ނިންމައިފިއެވެ.

އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުގައި ގައްޒާގެ އެތައް ކުދީންނަކާއި އަންހެނުންނެއްވެސް ޝަހީދުކޮށްލާފައިވާ އިރު، ކުޅިވަރުގެ އެތައް އެތުލީޓުންނެއްވެސް އެ ހަމަލާތަކުގައި ޝަހީދުވެފައިވެއެވެ. އެ ހާލަތުގައި ގައްޒާގެ ރައްޔިތުން ދިރިއުޅެމުންދިޔަ އިރު، އެކަންކަން ހުއްޓުވުމަށް ބާރު އެޅުމަށް އިޒްރޭލް ފުޓުބޯޅައިން ބޭރުކުރުމަށް ގިނަ ބަޔަކު ވަނީ އެތައް ގޮތަކުން ގޮވާލައިފައެވެ.

އެކަމަށް ޔޫއެފާއިން އަދި ފީފާއިންވެސް އަމަލުކޮށްފައި ނުވާތީ، އިޒްރޭލްގެ ކޮލިފިކޭޝަން މެޗުތަކާ ދެކޮޅަށްވެސް، މުޒާހަރާތައް ކުރަމުން ދެއެވެ. އެއީ ފަލަސްތީނުގެ ހައްގުގައި އަޑު އުފުލާ ޖަމާއަތްތަކުންނެވެ.

ޔޫއެފާއިން އިޒްރޭލް ބޭރުކުރުމަށް ވާހަކަތައް ދެކެވި، ގައުމުތަކުގެ ރައީސުންނާއި ފެޑަރޭޝަންތަކުގެ ރައީސުން އެކަމަށް ގޮވާލެއްވި ނަމަވެސް، އެކަން ނުވެ އޮތުމުން އިޒްރޭލުން މިރޭ ކޮލިފިކޭޝަން މެޗެއްގައި ނޯވޭއާ ދެކޮޅަށް، އޮސްލޯގައި ނުކުންނާނެއެވެ.

ނޯވޭގައި މުޒާހަރާތަކުގެ ނުރައްކާ އެހާ ބޮޑު ނޫން ނަމަވެސް، އެގައުމުގެ އެފްއޭއަކީ އިޒްރޭލް ފުޓުބޯޅައިން ބޭރުކުރުމަށް އެންމެ އަޑު ހަރުކޮށް، ގޮވަމުންދާ އެފްއޭއެވެ.

އޭގެފަހުން 14 ވަނަ ދުވަހު އިޒްރޭލުން އިޓަލީއާ ދެކޮޅަށް، އުޑީންގައި ކުޅޭ އިރު، އެ މެޗު އޮތީ ނުރައްކާތެރި ހާލަތެއްގައެވެ. އެއީ އިޓަލީއަކީ ފަލަސްތީން ރައްޔިތުންގެ ހައްގުގައި ވަރުގަދައަށް އަޑު އުުފުލާ ގައުމަކަށް ވާތީއެވެ.

އިސްރާއީލުން ގާޒާގައި ހިންގަމުންގެންދާ ލާއިންސާނީ އަމަލުތައް ހުއްޓާލައި ގާޒާގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހަމާސްއާއި އިސްރާއީލުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްްޕް ހުށަހަޅާފައިވާ ޕީސް ޕްލޭނަށް އެއްބަސްވެ އަމަލުކުރަން ފަށާފައިވީ ނަމަވެސް، އިޓަލީގައި މުޒާހަރާ ކުރާނެ ކަމަށް ހަބަރުތައް ބުނެއެވެ.

މުޒާހަރާތައް އިންތިޒާމް ކުރާ ފަރާތްތަކުން އެ މެޗަށް ދީފައިވާ ނަމަކީ "ގޭމް އޮފް ޝޭމް،" އެވެ. އެ ފަރާތްތަކުން ބުނީ 10،000 އެއްހާ މީހުން ދަނޑު ކައިރީގައިވެސް މުޒާހަރާކުރާނެ ކަމަށާއި، ޑިމާންޑަކީ ހަމަ ކުރިންވެސް ކުރަމުން އަންނަ ޑިމާންޑް ކަމަށެވެ. އެއީ ފަލަސްތީން ރައްޔިތުންނަށް ފުރިހަމަ މިނިވަން ކަމަށް ގޮވާލައި ކުރަމުންދާ ޑިމާންޑް ކަމަށެވެ.

އުޑީންގެ މުޒާހަރާތައް ހޫނުވާނެ ކަމަށް ބެލެވިފައިވާއިރު އިރު، އެ ގައުމުގެ ކުޅިވަރު ކަންކަމުގެ އިސް އިދާރާތަކުން މެޗު ސިފައިކޮށްފައި ވަނީ އެންމެ ރިސްކް ބޮޑު ކެޓަގަރީގެ މެޗެއް ގޮތުގައެވެ. އުޑީންގެ ސަލާމަތީ އިދާރާތަކުން މިހާރުވެސް މަގުތައް ބަންދުކޮށްފައިވާ އިރު، މުޒާހަރާ ކުރާ ފަރާތްތަކުން ބުނީ މެޗަށް ސީދާ ހުރަން އަޅަން ގަސްދުނުކުރާ ކަމަށާއި، އަނިޔާވެރިކަން އިސްކުރަން ބޭނުން ނުވާ ކަމަށެވެ.