ފަލަސްތީނުގެ މިނިވަންކަން ކަށަވަރުކުރުމަށް ވަކާލާތުކުރުމުގައި ރާއްޖެ އަބަދުވެސް ދެމި އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ފަލަސްތީނުގެ މިނިވަންކަން އިއުލާނުކުރިތާ 38 އަހަރު ފުރުމުގެ މުނާސަބަތުގައި އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ފަލަސްތީނުގެ މިނިވަންކަން އިއުލާނުކުރިތާ 38 އަހަރު ފުރުނު މުނާސަބަތުގައި އެ ގައުމުގެ ރައީސް މަހްމޫދު އައްބާސް އަށާއި ބޮޑުވަޒީރު އަދި ހާރިޖީ ވަޒީރު މުހައްމަދު މުސްތަފާ އަށާއި ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް އިހްލާސްތެރި ހެޔޮއެދުންތައް އަރިސްކުރައްވައިފައެވެ.
މި އުފާވެރި މުނާސަބަތުގައި، 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމުގެ މަތިވެރި އުންމީދު ހަގީގަތަކަށް ހެދުމަށް ރާއްޖޭން ކުރާ ތާއީދާއި ދޭ އެއްބާރުލުމާއި ސާބިތުކަން އާކުރާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ފަލަސްތީނުގެ މިނިވަންކަމާއި ރައްޔިތުންނަށް އަބުރުވެރި އިންސާފުވެރި ދިރިއުޅުމަކަށް އަބަދުވެސް އެދިވަޑައިގަންނަވާކަން ރައީސުލްޖުމްހޫރިއްޔާ މީގެކުރިންވެސް ވަނީ ވިދާޅުވެފައެވެ. ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކުގައި ކަމަށާއި ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައި ގައުމެއްގެ ގޮތުގައިކަން އެމަނިކުފާނު ވަނީ އެކި ޕްލެޓްފޯމުތަކުގައި ވިދާޅުވެފައެވެ.
ފަލަސްތީނުގެ މައްސަލައަށް އޮތް ހަމައެކަނި ދާއިމީ ހައްލަކީ 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުން ކަމުގައި ވިދާޅުވާ ވިދާޅުވުން ރައީސް ތަކުރާރުކުރެއްވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އަމިއްލަ ފަސްގަނޑުގައި ކަރާމާތާއި ރައްކާތެރިކަމާއެކު ދިރިއުޅުމުގެ ހައްގު ލިބިދޭން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ދަނީ ބައިނަލްއަގްވާމީ މައިދާނުގައިވެސް އަޑުއުފުލަމުންނެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ހޭދުކުރުމަށް ޔަހުދީން ދެމުންގެންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުއްވެރިކޮށް، އިސްރާއިލުގެ ރައްޔިތުންނަށް ރާއްޖެ ނާދެވޭނެގޮތަށް، އެކަން ގާނުނުގައި ކަނޑައެޅުމަށް ނިންމި ނިންމުމަކީވެސް ރާއްޖެއިން މިކާމާމެދު ގެންގުޅޭ ހަރުދަނާ ސިޔާސަތު ހާމަވާ ކަމެކެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް