ދެކުނު ކޮރެއާއާ ދެކޮޅަށް ބްރެޒިލުން ކުޅުނު އެކުވެރިކަމުގެ މެޗު، ތަފާތު ބޮޑު ނަތީޖާއަކުން ބްރެޒިލުން ކާމިޔާބުކޮށްފިއެވެ.

ދެކުނު ކޮރެއާގެ ސޯލްގައި ކުޅުނު މެޗުން ބްރެޒިލް މޮޅުވީ 5-0 ގެ ނަތީޖާއަކުންނެވެ. ކާލޯ އެންޗެލޮޓީ ބްރެޒިލާ ހަވާލުވިފަހުން އެގައުމުގެ ގައުމީ ޓީމުން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފައިވާ އިރު، ބަލިވީ އެންމެ މެޗަކުންނެވެ. އެ މެޗުތަކުގައި ބްރެޒިލުން ނުވަ ގޯލް ޖެހި އިރު، ކޮޅަށް ވަނީ އެންމެ ގޯލެކެވެ.

ސޯލްގެ ވޯލްޑް ކަޕް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބްރެޒިލް ފެނުނީ މާ ބޮޑަށްވެސް ތަފާތު ފޯމެއްގައެވެ. މެޗުގެ 13 ވަނަ މިނެޓުގައި އުމުރުން 18 އަހަރުގެ އެސްޓެވާއޯ ވިލިއަމް ވަނީ ބްރެޒިލަށް ލީޑު ނަގައިދީފައެވެ. އެ ގޯލު އޭނާ ޖަހައިދިނީ މެދުތެރެއިން ބްރޫނޯ ގިމަރޭޝް ދުއްވާލި ރީތި ޕާހަކުންނެވެ.

ހާފު ނިމެން ދަނިކޮށް، 41 ވަނަ މިނެޓުގައި ރޮޑްރީގެ ހިތްގައިމު ގޯލަކުން ބްރެޒިލް ލީޑު ފުޅާކުރި އިރު، ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި އެސްޓެވާއޯ ވަނީ އޭނާގެ ދެވަނަ ގޯލު ޖަހައިފައެވެ. އެއީ ކޮރެއާގެ ޑިފެންޑަރު ކިމް މިން-ޖާއޭ އަތުން ހެދުނު ގޯހަކުން ޖެހި ގޯލެކެވެ.

ބްރެޒިލުން މެޗު ނިންމާލީ ފަސްވަނަ ގޯލަކާވެސް އެކުގައެވެ. އެއީ ކައުންޓާގައި ރެއާލް މެޑްރިޑްގެ ތަރި ވިނީޝިއަސް ޖޫނިއާ ޖަހައިދިން ގޯލެކެވެ.