އަންނަ އަހަރު އުތުރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕްގެ ކޮލިފިކޭޝަނުގައި ރޭ ނެދަލޭންޑްސްއިން ރަށުން ބޭރުގައި މޯލްޓާ ކައިރިން 4-0 އިން މޮޅުވި ނަމަވެސް، އެގައުމުގެ ނޫސްތަކުން ޓީމަށް ފާޑުކިޔައިފިއެވެ.
ނެދަލޭންޑްސްއިން ރޭ ރަށުން ބޭރުގައި މޯލްޓާ ބަލިކުރީ ކޯޑީ ގަކްޕޯގެ ދެ ގޯލުގެ އިތުރުން ޓިޖާނީ ރެއިންޑާސްއާއި މެމްފިސް ޑިޕާއީ ޖެހި ގޯލްތަކުންނެވެ. މިވަގުތު ދުނިޔޭ ރޭންކިންގް ހަތް ވަނައިގައި އޮތް ނެދަލޭންޑްސްއިން ރޭ ވާދަކުރީ ދުނިޔޭ ރޭންކިންގެ 166 ވަނައިގައި އޮތް ގައުމަކާ ދެކޮޅަށެވެ.
ރޭންކިންގައި ބޮޑު ފަރަގެއް އޮތް ދެގައުމުގެ ކުރިމަތިލުމުން، ނެދަލޭންޑްސްގެ ފަރާތުން ހިތްހަމަ ޖެހޭ މަންޒަރެއް ނުފެނުނު ކަމަށް ނޫސްތައް ބުނެފައިވެއެވެ. ހާއްސަކޮށް ޓީމުގެ ފަރާތުން ފެނުނީ ދަށް ރޫހެއްގައި ކުޅުނުތަން ކަމަށް ގިނަ ނޫސްތައް ބުނެފައިވެއެވެ.
މެޗަށްފަހު ނޫސްވެރިން ވަނީ ކޯޗް ރޮނާލްޑް ކޫމަންއާއި ކެޕްޓަން ވާޖިލް ވެން ޑައިކާވެސް ގިނަ ސުވާލުތަކެއް ކުރިމަތިކުރުވާފައެވެ. ނޫސްވެރިން ބުނީ މެޗުން ލިބުނު ހަމައެކަނި ހިތްހަމަ ޖެހުމަކީ ތިން ޕޮއިންޓް ކަމަށާއި، އިތުރު އެއްވެސް އުފާވެރިކަމެއް މެޗުން ނުލިބޭ ކަމަށެވެ.
"4-0 އިން މޮޅުވުމަކީ އުފާވެރި ކަމެއް. އެއީ ރަނގަޅު ކަމެއް. އަހަންނަކަށް މެޗު އެހާ މާޔޫސީއެއް ނޫން. އެހެންވިޔަސް ގަބޫލުކުރަން ރަނގަޅު ކުރަން ޖެހުނު ކަންތައްތަކެއް ހުރިކަން. އަހަރެމެން އަތުން ގޯސްތައް ހެދި މޯލްޓާއަށް ފުރުސަތަކެއް ލިބުނު ނަމަވެސް، ފެށުންވެސް ގޯހެއް ނޫން،" ކޫމަން މެޗަށްފަހު ބުންޏެވެ.
ނެދަލޭންޑްސް އޮތީ ކޮލިފިކޭޝަން ގްރޫޕް ޖީގެ އެއްވަނައިގައެވެ. އެޓީމުން ވަނީ މިހާތަނަށް ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ހޯދައި، ޕޮލެންޑާއި ފިންލޭންޑްގެ މައްޗަށް ތިން ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ.
ބާކީ ތިން މެޗު އޮތް އިރު، ނެދަލޭންޑްސްއަށް އޮތީވެސް ކޮލިފިކޭޝަން ޖާގައެއް ޔަގީންވުމާ ގާތުގައެވެ.
ރޭގެ މެޗަށްފަހު ކެޕްޓަން ވެން ޑައިކް ބުނީ އިންޓަނޭޝަނަލް މެޗުތަކަކީ ފަސޭހަ މެޗުތަކެއް ކަމަށް އުންމީދު ކުރުމަކީ ގޯހެއް ކަމަށާއި، ރޭގެ މެޗުން ހާސިލުކުރަން ބޭނުންވި ކަންތައް ހާސިލުވި ކަމަށެވެ.
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން