ބްރެޒިލް ޓީމުން ކުޅޭ ޓެކްޓިކަލް ކުޅުމަށް ބަދަލެއް ގެންނަން އަދި އެކަށީގެންވާ ވަގުތެއް ނުލިބޭ ކަމަށާއި، މިވަގުތު ބަރޯސާ ވާން ޖެހެނީ ވަކިވަކި ކުޅުންތެރިންގެ ހުނަރާއި ރޫހަށް ކަމަށް ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.

އަންނަ އަހަރު އުތުރު އެމެރިކާގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ބްރެޒިލް ކޮލިފައިވެފައިވާ އިރު، އެންޗެލޮޓީ މަސައްކަތް ކުރަމުން ދަނީ 2002 ވަނަ އަހަރަށްފަހު އެގައުމަށް ފުރަތަމަ ފަހަރަށް ދުނިޔޭގެ ތަށި ހޯދައިދިނުމަށެވެ. ބްރެޒިލުން ވަނީ މިހާތަނަށް ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ.

އެންޗެލޮޓީ ބްރެޒިލާ ހަވާލުވީ މޭ މަހުގައެވެ. ކުރިން ރެއާލް މެޑްރިޑާއި އޭސީ މިލާން އަދި ޗެލްސީ ފަދަ ކްލަބުތަކާއެކު ކްލަބު ފުޓުބޯޅައިގައި ކާމިޔާބީތައް ހޯދި އެންޗެލޮޓީއަކީ ޓެކްޓިކަލް ބަދަލުތައް ޓީމަށް ގެންނަ ކޯޗެއްގެ ގޮތުގައި ފާހަގަކުރެވުނު ނަމަވެސް، އޭނާ ބުނީ ބްރެޒިލާއެކު އެކަމަށް ވަގުތެއް ނުލިބޭ ކަމަށެވެ.

"އަހަންނަށް އެނގޭ ބްރެޒިލާއެކު ޓެކްޓިކަލް މަސައްކަތް ކުރަން ޖެހޭކަން. އެއީ އޭރުން އަހަރެމެންނަށް މެޗުތަކުގެ އެޕްރޯޗް ރަނގަޅުކުރެވޭނީ. އެއީ މުހިއްމު ކަމަކަސް، މިވަގުތަށް އެއީ އެންމެ މުހިއްމު ކަންތަކެއް ނޫން. އަހަރެން މިހާރު އެންމެ ބޮޑަށް ބަރޯސާ ވަނީ ކުޅުންތެރިންގެ އެޓިޓިއުޑާއި ރޫހަށް. އަދި ވަކިވަކި ހުނަރުވެރި ކުޅުންތެރިންނަށް،" ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅެން އޮތް އެކުވެރިކަމުގެ މެޗުގެ ކުރިން އެންޗެލޮޓީ ބުންޏެވެ.

މިހާތަނަށް އެންޗެލޮޓީގެ އިރުޝާދުގެ ދަށުން ބްރެޒިލުން ކުޅުނު މެޗުތަކުގައި ތަފާތު ޓެކްޓިކަލް ވިސްނުންތަކެއް ފެނިގެން ގޮސްފައިވެއެވެ. ޕެރަގުއޭއާއި ޗިލީ ކައިރިން މޮޅުވި މެޗުގައި 4-2-4 ގެ ފޯމޭޝަނެއް ބޭނުން ކޮށްފައިވާ އިރު، ދެން އެކުއެޑޯއާއި ބޮލީވިއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި އޭނާ ބޭނުންކުރީ 4-3-3 ގެ ފޯމޭޝަނެކެވެ.

އެކުއެޑޯ ކައިރން އެއްވަރުވި އިރު، ބޮލީވިއާގެ 4،100 މީޓަރު މަތީގައި ކުޅުނު މެޗުން ބްރެޒިލް ވީ ބައްޔެވެ.

އެންޗެލޮޓީ ބުނީ ބޯޅަ ހިފަހައްޓައިގެން ކުޅޭ ވަގުތު، ކުޅުން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. ހާއްސަކޮށް، ހަތަރު ފަސް ކުޅުންތެރިން އެޓޭކަށް ނެރެގެން ކުޅުނު ނަމަވެސް ނަތީޖާ ނެރުމުގައި ކުޅުންތެރިންގެ ހުނަރަށް ބަރޯސާ ވާން ޖެހޭނެ ކަމަށް އެންޗެލޮޓީ ބުންޏެވެ.