ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން އެމްޕީއެލްއެލްއިން އެތެރޭގެ ތަހުގީގެއް ހިންގަން ފަށައިފިއެވެ.

އެމްޕީއެލްއިން މިއަދު ބުނީ އެ ކުންފުނީގެ ހުޅުމާޅެ ޓާމިނަލުން އެ ދެ ކޮންޓެއިންނަރު ތެރޭގައިހުރި ސިނގިރޭޓް ގެއްލުނު މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީ އެކަމާ ގުޅޭ އިތުރު ތަފުސީލުތައް މިވަގުތު ހާމަކުރެވެން ނެތްކަމަށް އެމްޕީއެލްއިން ބުންޏެވެ.

"އަދި މި މައްސަލައާ ގުޅިގެން އެމްޕީއެލްގެ ކަމާގުޅުންހުރި ޑިޕާޓްމެންޓުތަކުންވެސް އެތެރޭގެ ތަހުގީގެއް ކުރިއަށްގެންދާކަން މީޑިއާގެ މައުލޫމާޓަށްޓަކައި ދަންނަވަމެެވެ" އެމްޕީއެލްއިން ބުންޏެވެ.

މައްސަލައިގެ ތަހުގީގު ނިމުމުން، ތަހުގީގު ރިޕޯޓާއި އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް އެމްޕީއެލްއިން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ގެއްލިފައިވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކެވެ.

އެ ސިނގިރޭޓަކީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެ މުދަލެވެ.

އެ ދެ ކޮންޓެއިނަރު ގެއްލިފައިވަނީ ކަސްޓަމްސްއިން ހިފެހެއްޓުމަށް ފަހު ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ބަހައްޓާފައި ހުއްޓައެވެ.

މި މައްސަލައިގައި ކަސްޓަމްސްގެ ބަހެއް ލިބޭގޮތް އަދި ވަނީ ނުވެފައެވެ.

މައްސަލަ ފުލުހުންވެސް ތަހުގީގު ކުރަމުންދާއިރު އެ އިދާރާއިންވެސް އެކަމާ ގުޅޭ މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.