ފްލެޓެއްގެ މިލްކުވެރިކަން ބަދަލުވެއްޖެނަމަ އެކަން އަންގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެދިއްޖެއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކޯޕަރޭޝަނާ އެކު ވެވޭ ފުލެޓު ވިއްކުމުގެ އެއްބަސްވުމުގެ ދަށުން ދޫކުރެވޭ ފުލެޓުތަކުގެ ވެރިފަރާތުގެ މައުލޫމާތު ހިމެނޭ ޑޭޓާބޭސް އަދާހަމަކޮށް ބެލެހެއްޓުމަކީ، އެ ކޯޕަރޭޝަން ދޭ ހިދުމަތްތަކަށް ވަރަށް މުހިންމު ކަމެއް ކަމަށާއި ނަމަވެސް ބައެއް ފަރާތްތައް ފްލެޓް މިލްކުކޮށް، ކޯޓު މެދުވެރިކޮށް ފްލެޓްގެ ވެރިފަރާތް ބަދަލުކުރުމަށް ފަހު، އެކަން އެ ކޯޕަރޭޝަނަށް ހިއްސާ ނުކުރުމުން ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.
އެޗްޑީސީން ބުނީ، އެ ގޮތަށް އަމަލުކުރުމުގެ ސަބަބުން ފްލެޓުގެ އާ ވެރިފަރާތާއި ކުރީގެ ވެރިފަރާތުގެ ހައްގުތަކަށް ވެސް އުނިކަން އަންނަ ކަމަށާއި އެހެންކަމުން، ފްލެޓްގެ މިލްކުވެރިކަން ބަދަލުކޮށްފި ނަމަ، އެކަމާ ގުޅިގެން އެ ކޯޕަރޭޝަނާ އެކު ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް ފުރިހަމަ ކުރުމަކީ ފުލެޓުގެ މިލްކުވެރި ފަރާތުގެ ޒިންމާއެއް ކަމަށެވެ.
އެޗްޑީސީން ބުނީ، އެ ގޮތަށް އަމަލު ނުކުރުމުން ވެދާނެ ގެއްލުމެއްގެ ޒިންމާ އެ ކޯޕަރޭޝަނުން ނުންނަގާނެ ކަމަށެވެ.
"ވީމާ، ކޯޓު މެދުވެރިކޮށް ފުލެޓުގެ މިލްކުވެރިކަން ބަދަލުކުރާނަމަ ނުވަތަ ބަދަލުކޮށްފައިވާނަމަ، މި ކޯޕަރޭޝަންގެ ޑޭޓާބޭސް އަދާހަމަކޮށް ބެލެހެއްޓުމަށާއި އެބަދަލާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް ފުރިހަމަކުރުމަށްޓަކައި، ކަމާ ގުޅުންހުރި އެންމެހާ ލިޔެކިޔުންތައް މިކޯޕަރޭޝަނަށް ހިއްސާކުރެއްވުން އެދެމެވެ،" އިއުލާންގައި ބުނެފައިވެއެވެ.
އެ އިއުލާނުގައި އިތުރަށް ބުނީ، އެ ކަމާ ގުޅިގެން މައުލޫމާތު ސާފުކުރަން ބޭނުން ނަމަ ހޮޓްލައިން 1516 އަށް ގުޅައިގެން އެ މައުލޫމާތެއް ސާފުކުރެވޭނެ ކަމަށެވެ.
އަލީ ޔާމިން
ކުޅިވަރު
މުނިފޫހިފިލުވުން
އިރާން
ދުނިޔެ