ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ހިޔާނާތުގެ ދައުވާ ސާބިތުވެ ހަތަރު އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިއަދުގެ ވަގުތެއްގައެވެ. ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިންގެ ދައުވާ ބައްސާމްގެ މައްޗަށް ކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ އެކެއްގައެވެ. ބައްސާމަށް މިއަދު ހުކުމް ކުރީ ހިޔާނާތުގެ ބަޔަށް އެކަންޏެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ހުކުމް ކުރި މައްސަލައަކީ ފީފާގެ ފަރާތުން އެމެރިކާ ޑޮލަރުން ދެމުންދިޔަ ފައިސާގެ ތެރެއިން އެފްއޭއެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރަމުން ދިޔަ ފައިސާ، ބައްސާމްގެ އަމިއްލަ ނަން މަތީގައި ހުޅުވާފައިވާ އެކަންޓަކަށް ޑޮލަރު މާރުކުރުމުގެ ނަމުގައި ޖަމާކޮށް، އެ ފައިސާ އަމިއްލައަށް ބޭނުންކޮށް، އެފްއޭއެމްއަށް ބަދަލުގައި ދޭން ޖެހޭ ދިވެހި ރުފިޔާ ނުދީ އޮތް މައްސަލައެއްގައެވެ.

އޭގެ ތެރެއިންވެސް ޕޭމެންޓް ވައުޗާއަކާއެކު، 10،000 އެމެރިކާ ޑޮލަރު ޖަމާކުރުމަށްޓަކައި، 26 އޮގަސްޓް 2018 ގައި ލިޔުންތައް ހުށަހަޅައި، ބޭންކް ޗާޖުގެ ގޮތުގައި ފަސް ޑޮލަރު އުނިކުރުމަށް ފަހު 9،999 ޑޮލަރު ބައްސާމަށް ޖަމާކުރި ކަމަށް އެނގިފައިވެއެވެ.

މައްސަލައިގައި ކޯޓުން ބައްސާމަށް އިއްވާފައި ވަނީ، އެ ކުށަށް ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބެވެ. އެއީ ހަތަރު އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. ކޯޓުގެ ހުކުމުގައި ވަނީ މައްސަލައިގެ ކަން ހިނގާފައިވާ ގޮތަށް ބަލައި، އަދަބު މަތިކުރަން ޖެހޭ ހާލަތްތަކެއް ހުރި ކަމަށް ދެކޭ ކަމަށެވެ.

embed-article:https://oneonline.mv/112169

ބައްސާމް ޝަރީއަތުގައި ތަކުރާރުކޮށް ބުނެފައި ވަނީ އެ ފައިސާއަކީ އޭނާ އަލުން އެފްއޭއެމްއަށް ދައްކަން ޖެހޭ ފައިސާއެއް ނޫން ކަމަށެވެ. އެހެން ބައްސާމް ބުނަމުން ދިޔަ އިރު، ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ބައްސާމްގެ ފައިސާތައް ބޭނުންކޮށްފައިވަނީ އޭނާގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ގްލޭސިއާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނީގައި ހިމެނޭ ވިޔަފާރިތަކަށެވެ. އެކަން ވަނީ ޝަރީއަތަށް ސާފުވެސް ވެފައެވެ.

އެލަވެންސަކީ 5000 ޑޮލަރު ނަމަވެސް، ގާތްގަނޑަކަށް މަހެއްގެ މައްޗަށް 34،000 ޑޮލަރު

މިއަދު އިއްވި ހުކުމުގެ ތަފްސީލުގައި ފުލުހުންގެ ފައިނޭންޝަލް އެސެސްމެންޓް ރިޕޯޓަށްވެސް ރިއާޔަތް ކޮށްފައިވެއެވެ. އެގޮތުން ބައްސާމް ބޭންކްތަކުގައި ޑިކްލަޔާ ކޮށްފައިވާ އަދަދުތަކާ ނުބައްދަލު މިންވަރަކަށް ޑޮލަރުގެ މުއާމަލާތްތައް ކޮށްފައިވާކަން ފާހަގަކޮށްފައިވެެއެވެ. އެގޮތުން ބައްސާމަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީއަކީ 5،000 ޑޮލަރުގެ އެލަވެންސެއް ނަމަވެސް، އޭނާގެ ނަމުގައި ހުޅުވާފައިވާ އެކަންޓަށް 2018 ވަނަ އަހަރު، މަހަކު އެވަރެޖްކޮށް، 34،965 ޑޮލަރު ޖަމާވެފައިވާކަން އެނގެން އެބައޮތެވެ.

އެކައުންޓް ސްޓޭޓްމަންޓްތަކުން އެކަން އެނގެން އޮތް އިރު، ހުކުމުގައި ބުނެފައި ވަނީ މައްސަލަ ބެލި، 10000 ޑޮލަރު ދައުރުވި ގޮތަށް ބަލާ އިރު، އެ ހަރަދުތައް ކޮށްފައިވަނީ އަމިއްލަ ވިޔަފާރިތަކަށެވެ.

ގްލޭސިއޭ އިންވެސްޓްމެންޓްސްއަކީ ބައްސާމާއި އޭނާގެ އަންހެނުން އައިމިނަތު މައުރީން ހިއްސާވާ ކުންފުންޏެކެވެ. އެ ކުންފުނީގެ ދަށުން މިނޫޝިއާ އާއި މިނޫޝިއާ ބައި ދަ ބީޗް ނަމަކަށް ކިޔާ ދެ ރެސްޓޯރަންޓާއި ލޫއާ ނަމަކަށް ކިޔާ ސެލޫނެއް ރަޖިސްޓްރީ ކޮށްފައިވެއެވެ.

ފުލުހުންގެ ފައިނޭންޝަލް އެސެސްމަންޓް ރިޕޯޓު ދައްކާ ގޮތުން، ބައްސާމްގެ އެކައުންޓަށް 10000 ޑޮލަރު ޖަމާކުރި ދުވަހު، އެ އެކައުންޓުން ސިންގަޕޫރުގެ އެކި ފިހާރަތަކުން އަގުހުރި މުދާ ގަނެފައިވާކަން ސްޓޭޓްމަންޓްތަކުން އެނގޭ ކަމަށެވެ.

އެ ވިޔަފާރިތަކުގެ ސޯޝަލް މީޑިއާ އެކައުންޓަކަށް ބަލާ އިރު، މިހާރު އެތަންތަން ވަނީ ރިލޮކޭޝަނަށް ބަންދުކޮށްފައެވެ.

ބައްސާމަށް އަދި ސަލާމަތެއް ނެތް

ފުޓުބޯޅަ ސްކޫލާއި މާފަންނު ސްޓޭޑިއަމްގެ ހާލަތުވެސް ބައްސާމްގެ ރައީސްކަމުގައި ގޯހުން ގޯހަށް ގޮސް، އެތަނުގެ ތެރެއިން ހިނގައިދިޔަ އެތައް އޮޅުވާލުންތަކެއް މިހާރުވެސް ދަނީ ބަލަމުންނެވެ. މިހާރު ކޯޓުގައި ދައުވާ އުފުލައިގެން ކުރިއަށް ދަނީ ބައްސާމްގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންނާއި ރިޝްވަތުގެ އިތުރު ދައުވާއެއްގެ އަޑުއެހުންތަކެވެ.

އޭގެ ތެރެއިން މިއަދު ހިޔާނާތުގެ މައްސަލައެއް ބައްސާމްގެ މައްޗަށް ސާބިތުވެފައިވާ އިރު، ބައްސާމްގެ އެތައް މައްސަލައެއް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. އެ މައްސަލަތަކުގައި އަދިވެސް އިތުރު ދައުވާތައް ދައުލަތުން އުފުލާނެއެވެ.

ކޯޓުގެ ހުކުމުގައި މިއަދުވެސް ބުނެފައިވަނީ ފީފާއިން އެފްއޭއެމްއަށް ދޭ ފައިސާއަކީ އަމާނާތްތެރިކަމާއެކު ފުޓުބޯޅަ ކުރިއަރުވަން ދޭ ފައިސާ ކަމަށާއި، އެ ފައިސާ ނަގާލުމުން އެތައް ބައެއްގެ ހައްގު ގެއްލިގެންދާ ކަމަށެވެ. އަދި އެކަމުގައި އެފްއޭއެމްގެ ރައީސްގެ ހައިސިއްޔަތުން ބައްސާމް ރަސްމީކޮށް ބައިވެރިވެ، އެކަމުގައި އެތައް މުއާމަލާތްތަކުން އުސޫލުން ބޭރުން ހިންގާފައިވާކަން ފުލުހުންގެ ރިޕޯޓުތަކުން ސާފުވެއެވެ. ޕޭމަންޓް ވައުޗާތައް ހެދުމުގައިވެސް އޮޅުވާލައި، އެތައް ގޮތަކުން ވައްކަން ކުރިކަން ހެކިތަކުން ފެންނަން އެބަހުއްޓެވެ.