އިންގްލެންޑްގެ ރަން ޖީލު (ގޯލްޑަން ޖެނެރޭޝަން) އަށް ކާމިޔާބީ ނުހޯދުނީ ޓީމުގެ މައްޗަށް އަމިއްލަ އެދުން ބޮޑުވެގެން ކަމަށް، އެގައުމުގެ ތާރީހު ދުށް އެންމެ މޮޅު އެއް މިޑްފީލްޑަރު ސްޓީވަން ޖެރާޑް ބުނެފިއެވެ.
އިންގްލެންޑްގެ ރަން ޖެނެރޭޝަނުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަނީ 2000 ގެ އަހަރުތަކުގައި އެގައުމުގައި އޮތް ސްކޮޑެވެ. އެޓީމުގައި ޖެރާޑާއި ޑޭވިޑް ބެކަމް، ވޭން ރޫނީ، ޕައުލް ސްކޯލް، ރިއޯ ފާޑިނެންޑް، ޖޯން ޓެރީގެ އިތުރުން ފްރޭންކް ލެމްޕާޑް ފަދަ ކުޅުންތެރިން ހިމެނިފައިވާ އިރު، އެޓީމާއެކު އެތައް ބަޔަކު ބޮޑެތި އުންމީދުތަކެއް ކުރިއެވެ.
އެހެންނަމަވެސް، އެ ޖީލު ނިމިގެން ދިޔައީ ބޮޑު މުބާރާތެއްގެ ކުއާޓާ ފައިނަލްވެސް ފަހަނައަޅައި ނުދެވި، އޮވެގެންނެވެ.
"އަހަންނަށް ހީވަނީ އަހަރެމެންނަކީ އަމިއްލަ އެދުން ބޮޑު ޓީމެއްހެން. އަހަރެން މިހާރު ބަލާ ޓީވީ ޝޯތަކުގައި އެބަ ފެނޭ ކެރޭގާވެސް ސްކޯލްއާއެކު، މަޖާކޮށް ވާހަކަ ދައްކާތަން. ހީވަނީ މިދިޔަ 20 އަހަރުގެވެސް އެކުވެރިންހެން. މިހާރު މެޗުއާކޮށް ވާހަކަ ދެއްކިޔަސް، ކުރިން ކުޅުނުއިރު ގައުމީ ޓީމުގައިވެސް އެއީ ހަތުރުން،" ޖެރާޑް ބުންޏެވެ.
ފާޑިނެންޑްގެ ޕޮޑްކާސްޓްގައި ވާހަކަ ދައްކަމުން ޖެރާޑް ބުނީ މިހާރު އެކުގައި މަޖާކުރިޔަސް، ހަގީގަތުގައި އެކުވެރިވާން ޖެހުނު ވަގުތު އެއްވެސް ކުޅުންތެރިޔަކު މޫނު ދިމާނުވާ ހާލަތުގައި ތިބި ކަމަށެވެ.
ޖެރާޑް އިތުރަށް ފާހަގަކުރީ އިންގްލެންޑްގައި އޭރު އޮތް ސަގާފަތަކީ ވަކިވަކި ކުޅުންތެރިން މޮޅުވުމަށް އޮތް ސަގާފަތެއް ކަމަށާއި، އޭރު އޮތް ޓީމަކީ ޓީމެއްގެ ސިފައެއް ނެތް ޓީމެއް ކަމަށެވެ. ހާއްސަކޮށް އޭރު ޑްރެސިން ރޫމް ތެރެއިންވެސް އެކަން ފެނުނު ކަމަށް އޭނާ ބުންޏެވެ.
އޭގެ އިތުރުން ޖެރާޑް ބުނީ އިންގްލެންޑަށް ކުޅުމަކީ ޝަރަފެއް ނަމަވެސް، އޭރު ޓީމު ކޭމްޕަށް ދާން އޭނާވެސް ހިތްހަމަ ނުޖެހޭ ކަމަށެވެ. ހާއްސަކޮށް ތަމްރީނުތަކަކީ އެހާ އެކުވެރި މާހައުލެއް އޮންނަ ތަނެއް ނޫން ކަމަށް ޖެރާޑް ފާހަގަކުރިއެވެ.
އުމުރުން 45 އަހަރުގެ ޖެރާޑް ގައުމީ ޓީމުން ރިޓަޔާކުރީ 2014 ވަނަ އަހަރުއެވެ. އޭގެފަހުން އޭނާ ވަނީ ކޯޗިން މަސައްކަތުގައި ކާމިޔާބީތަކެއްވެސް ހޯދައިފައެވެ. ޖެރާޑް ޕޮޑްކާސްޓްގައި އިތުރަށް ބުނީ އޭނާއަށް ކެރިއަރުގައި އަދި ހާސިލްނުވާ ބައިވަރު ކަންތައްތައް އެބަހުރި ކަމަށާއި، އާ ޗެލެންޖްތައް ނެގުން އެއީ ކުރަން ބޭނުންވާ ކަމެއް ކަމަށެވެ.
އިންގްލެންޑް
އިންގްލެންޑް
އިންގްލެންޑް