އަވަސްވެ ތެޅި ނުގަނެ، ވެރިކަން ލިބެންދެން ކެތްތެރިވުމަށް، އިދިކޮޅު އެމްޑީޕީއަށް ނަސޭހަތްތެރިވާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އދ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އދ. މާމިގިލީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެރޭ އެމްޑީޕީން މުޒާހަރާ ބޭއްވީ ގާނޫނާ ހިލާފަށް އެއްވެ ތިބެގެން ކަމަށާއި ގާނޫނުއަސާސީގައި އެއްވެ އުޅުމުގެ މިނިވަންކަން ދީފައި އޮންނަނީ އުސޫލުތަކެއްގެ މަތިން ކަމަށެވެ.

"އެއާ ހިލާފު ނުވޭތޯ އެމީހުން. އަޅުގަނޑު ބަޔަކާއެކު ޓީވީ ބަލަން އިނދެ، ބުނިން މިހާރު އެމީހުން ގާނޫނާ ހިލާފުވީއޭ. މިހާރު ފުލުހުން އިންޒާރުދީފައި ގާނޫނާ ހިލާފުވީ ކަމާއި، ބާރުގެ ބޭނުން ގާނޫނުގައިވާ ގޮތުގެ މަތިން ހިފަން ޖެހޭނެ ކަމަށް އިއުލާންކޮށްފައި އެކަން ކުރަން. އެހެންވީމާ ގާނޫނުން ބޭރުވީ، ގާނޫނުއަސާސީގެ އިމުން ބޭރުވީ،" އޭނާ ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އިސްލާމްދީނުގައި ފިތުނަފަސާދަ އުފައްދަން އަންގަވާފައެއް ނުވާ ކަމަށާއި ފިތުނަވެރިކަން އުފެއްދުމަކީ އިސްލާމްދީނުގެ ނަޒަރިއްޔާތުން ބަލާ އިރުވެސް، ކިހާވަރެއްގެ ކަމެއްކަން ގިނަ ބަޔަކަށް އެނގޭނެ ކަމަށެވެ.

"އެތަނަށް އައިސް ތިބީ ކޮން ބައެއްތޯ. ކޮންމެވެސް ވަޒީފާއެއް ބޭނުންވެގެން ތިބި މީހުން. އެމީހުންނަށް ވެސް މާތްﷲ އިރާދަކުރައްވާ ވަގުތު އައިސް ޖެހުނީމަ ވަޒީފާގެ ކަންތައްތައް ވެސް ލިބޭނެ، ބާރުވެރިކަން ވެސް ލިބޭނެ، ވެރިކަން ވެސް ލިބޭނެ. ކޮން ކަމަކާތޯ އަވަސްވެ، މި ތެޅި ގަންނަނީ. ﷲ އަންގަވާފައިވަނީ ކެތްތެރިވާން،" އޭނާ ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެސް ކިޔުއްވަނީ ފަނާކުރަނިވި ފާޑުކިޔުންތަކެއް ކަމަށާއި އެ މަނިކުފާނަށް ކުރެއްވޭ ކަންތައްތަކާއި ދެއްކޭ ވާހަކަތައް އެނގިވަޑައިނުގަންނަވާ ކަމަށެވެ.