ގައުމު ބަނގުރޫޓުނުވެ ސަލާމަތްކޮށްދެއްވުމުން، އެކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އައްސަރިބަހާއި ސާބަސް ހައްގު ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އދ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އދ. މާމިގިލީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ ވެރިކަމަކުން ވެރިކަމަކަށް ދައުލަތް ދިޔައީ ދަރަނިވެރިވަމުން ކަމަށާއި ދެކޮޅު ނުޖެހި ކޮންމެ އަހަރަކުން، އަހަރަކުން ދިޔައީ ޑެފިސިޓް ބަޖެޓު ބޮޑުވަމުން ކަމަށެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވެޑައިގެންނެވި އިރު، 132 ބިލިއަން ރުފިޔާއާ ހަމައަށް ދަރަނި ބޮޑުވެގެންދިޔަ ކަމަށާއި މިދިޔަ ސަރުކާރުތަކުން ދިޔައީ ސުކޫކާއި ބޮންޑާއި ލޯނު ފަދަ ހުރިހާ އެއްޗެއް ނަގަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ހިސާބަށް މަނިކުފާނު މި ގައުމު ބެންކްރަޕްޓްކޮށް ނުލައި، ރައްޔިތުންނަށް ކޮޅަށް ތިބެގެން މި ހިސާބަށް އަޅުގަނޑުމެން އެކަކު އަނެކަކަށް ވާހަކަދައްކާލަން ފުރުސަތު ގެނެސްދިނުމަށް މަނިކުފާނު ކުރެއްވި މަސައްކަތަށް އައްސަރިބަހާއި ސާބަސް ނޫން އެހެން އެއްވެސް އެއްޗެއް އަޅުގަނޑު ނުދަންނަވާނަން،" އޭނާ ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ޑޮލަރު މާރުކުރުމުންނާއި ޓެކްސް ބޮޑުކުރުމުން އެއްޗެއް ވިދާޅުނުވެ ހުންނެވީ އެއީ ކުރަން ޖެހޭ ކަމެއްކަން އަދި އެކަން ނުކޮށް ވާން ނެތްކަން އެނގޭތީ ކަމަށާއި އެނޫން ގޮތަކަށް ގައުމު ސަލާމަތްކުރެވެން ނެތްކަން އެނގޭ ކަމަށެވެ.