ކުރީގެ ރައީސް އަބްދުﷲ ޔާމީން ކިޔުއްވަނީ ފަނާކުރަނިވި ފާޑުކިޔުންތައް ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ފާޑުވިދާޅުވެއްޖެއެވެ.

އދ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އދ. މާމިގިލީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ ޔާމީން އެ ވާހަކަތައް ދައްކަވަނީ ގެއެއްގެ ތެރޭގައި އިންނަވައި ހައެއްކަ މީހުން ކައިރިއަށް ލައިގެން ކަމަށެވެ.

"ފަނާކުރަނިވި ފާޑުކިޔާ މީހުންގެ ހިތަށް ވަރަށް އަސަރުކޮށްފާނެ ބައެއް ފަހަރަށް އަޅުގަނޑު ވާހަކަދައްކަން ފެށީމަ. އެއީ އެކަން ވާނެ ގޮތް ކަމަށް މީހަކު ޖޯކު ޖަހާފައި ބުންޏަސް، ކޮންމެވެސް އެއްޗެއް ހިތަށް އަރާތީތާ މި ވާހަކަ މި ދައްކަނީ. ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައި ތިބި މީހުންނާއި އެނޫން މީހުންގެ ވާހަކަދައްކަނީ ކޮންމެވެސް އެއްޗެއް ހިތަށް އަރާތީތާ. ހިތަށް ނާރާ ނަމަ، އެ ވާހަކަ ނުދައްކާން ނޫންތޯ،" އޭނާ ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ޔާމީންގެ ކައިރީގައި އެކަކަށް އެ މަނިކުފާނުގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އިންނަވާ ކަމަށާއި "އާދެ ރައީސް، އާދެ ރައީސް" ވިދާޅުވެ ދެއްކެވެނީ ކޮން ވާހަކައެއްކަން ޖަމީލަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"އިހަށްދުވަހު މި ދެންނެވި ބޭފުޅާ، މި ދެންނެވި ރައީސަކަށް ހުންނެވި ބޭފުޅާއަށް ނުކިޔާ އެއްޗެއް ހަމަގައިމުވެސް މި އުޑުދަށުގައި އެއްވެސް އިންސާނެއްގެ ދުލަކުން ނުކިޔޭނެ. ހަޑިހުތުރުވެގެން ވެސް، ހުތުރުވެގެން ވެސް. ދެން ރައީސްކަން ކުރެއްވި ބޭފުޅާގެ ހާލަތަކީ ކޮބައިތޯ، އެބޭފުޅާއަކަށް ނޭނގޭ ކީއްކަމެއް މި ކުރެއްވެނީ، ކޮން ވާހަކައެއް ކަމެއް މި ދެއްކެނީ،" އޭނާ ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ އިއްޔެ ކުރެވުނު ކަންތައްތަކާއި މިއަދު ކުރެވުނު ކަންތައްތައް ހަނދާނަށް ގެންނަން ޖެހޭ ކަމަށާއި ހުރިހާ ވެރިކަމެއްގައި ކަންތައް ކުރި ގޮތް ފެނިފައިވާ ކަމަށެވެ. އަދި މިހާތަނަށް ރައީސް މުއިއްޒު ފަދަ އިހުލާސްތެރި ނިޔަތެއް އޮތް ވެރިޔަކު ދެކެފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.