އިޒްރޭލުން ފަލަސްތީނުގެ ގައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން އެ ގައުމު ފުޓުބޯޅައިން ބޭރުކުރުމަށް ގޮވާލާ ގޮވާލުންތަކުގެ ރައްދެއްގެ ގޮތުގައި، ފުޓުބޯޅައަކީ ދެ ގައުމުގެ ދެމެދުގައި ޖެހޭ މައްސަލަ ހައްލުކުރާ ޖަމިއްޔާއެއް ނޫން ކަމަށްބުނެ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބަހަނާ ދައްކަވައިފިއެވެ.
މިހާތަނަށް ރިޕޯޓުތައް ދައްކާ ގޮތުން، އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކުގައި އެތައް ކުޑަކުދީންނަކާއި އާންމުން އަދި ކުޅިވަރު އެތުލީޓުންވެސް ވަނީ މަރުވެފައެވެ. ދާދިފަހުން އދ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުން ހިންގަމުންދަނީ އިންސާނީ ކަރާމާތަށް ހުތުރު އަމަލެއް ކަމަށާއި، ފުޓުބޯޅައާއި އެހެނިހެން ކުޅިވަރުތަކުންވެސް ހަމަލާތައް ހުއްޓުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އިޒްރޭލުގެ ލާއިންސާނީ ޖަރީމާތަކާ ހެދި، ފަލަސްތީނުން ވަނީ މީގެ ކުރިންވެސް އެ ގައުމު ފީފާއިން ބޭރުކުރަން އެދިފައެވެ. އެކަމަށް ކުރިންވެސް ފީފާއިން ބޭރު ކަންފަތެއް ދީފައިވާ އިރު، އެކަން ނުކުރުމަށް ފީފާއަށް އެންމެ ބޮޑަށް ފިއްތާ ގައުމަކީ އެމެރިކާއެވެ.
ރަޝިއާއިން ޔޫކްރޭނާ ދެމެދު ހަނގުރާމަ ފެށިތާ މާގިނަދުވަހެއް ނުވަނީސް، ފީފާއާއި ޔޫއެފާއިންވެސް ވަނީ ރަޝިއާ ފުޓުބޯޅައިން ބޭރުކުރުމަށް ނިންމައި އެކަން ކޮށްފައެވެ. އަދި ރަޝިއާގެ ވިޔަފާރިވެރިންނަށްވެސް ދަތިތައް ކުރިމަތިކުރުވިއެވެ.
އެކަން އެހެން ކުރި ނަމަވެސް، ފީފާއިން އަދިވެސް ދަނީ އިޒްރޭލް ބޭރުނުކުރުމަށް ބަހަނާ ދައްކަމުންނެވެ. ސްވިޒަލޭންޑްގެ ޒިއުރިޗްގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ފީފާ ކައުންސިލް ބައްދަލުމުގައި ވާހަކަދައްކަވަމުން އިންފަންޓީނޯ ވިދާޅުވީ، ފީފާއަކި "ޖިއޯ ޕޮލިޓިކަލް މައްސަލަ،" ތައް ހައްލު ކުރެވޭނެ ޖަމިއްޔާއެއް ނޫން ކަމަށެވެ. އަދި ފީފާއިން ކުރާ ކަމަކީ ދުނިޔޭގައި ފުޓުބޯޅަ ޕްރޮމޯޓްކޮށް، އެކުވެރިކަމާއި އިޖުތިމާއީ ގުޅުންތައް ރަނގަޅުކޮށް، އިންސާނީ އަގު ހިފެހެއްޓުމަށް އެހީތެރިވެދިނުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިންފަންޓީނޯ ވާހަކަދައްކަވަމުން އިތުރަށް ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހިތާމަވެރި ހާދިސާތަކާއި ބައިބައިވުންތަކުގައި އަނިޔާ ލިބޭ ފަރާތްތަކުގެ ހަނދާން ހުންނަ ކަމަށާއި، އެކަންކަން އަވަހަށް ހައްލުވާން އެދޭ ކަމަށެވެ.
އިންފަންޓީނޯގެ އެ ވާހަކަތަކަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ޔޫއެފާގެ ގިނަ ގައުމުތަކެއް އެކުވެ، ޔޫއެފާއިން އިޒްރޭލް ބޭރުކުރުމަށްވެސް ދަނީ ގޮވަމުންނެވެ. އޭގެ ތެރޭގައި ގައުމުތަކުގެ ވަރުގަދަ ޔޫނިއަންތަކާއި އިސްލާހަށް މަސައްކަތް ކުރާ ފަރާތްތައް ހިމެނެއެވެ. އަދި ގައުމުތަކުގެ އެފްއޭއިންވެސް ފާޅުގައި އެކަން ކުރަން ގޮވާލައި، ޔޫއެފާއަށް ވަނީ ވޯޓެއް ނަގަންވެސް އެދިފައެވެ.
ގަތަރުގެ ސަރުކާރުގެ އިސް ފަރާތެއް ކަމަށްވާ، ޕީއެސްޖީގެ ވެރިޔާ އަދި ޔޫރަޕްގެ ކްލަބް އެސޯސިއޭޝަން (އީސީއޭ)ގެ ޗެއާމަން ނާސިރު އަލް ހަލީފީ އިސްކޮށް ހުންނަވައި، އެމަޖެންސީ ވޯޓް ނެގުމަށް ޔޫއެފާއަށް އެދުނު ނަމަވެސް، އެކަން އަދިވެސް ކުރިއަށް ގޮސްފައެއް ނުވެއެވެ.
ފީފާ
ފީފާ
ފީފާ
ފީފާ