ކ. ތުލުސްދޫ / ބިޖިލީއުފާ، އަލީ ޝިހާމް މަރައިލި މައްސަލަ ސާބިތުވެ، ލ. ތުލުސްދޫ ރެޑްރޯސް މުހައްމަދު ނިޔާޒުގެ މައްޗަށް ކޮށްފައިވާ މަރުގެ ހުކުމް ކަށަވަރުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ކުރިމިނަލް ކޯޓުން މެރުމަށް ހުކުމްކޮށް، ހައިކޯޓުގެ އިސްތިއުނާފުގައި އެކޯޓުން ތާއީދުކުރާ މަރުގެ ހުކުމްތައް، އެ މައްސަލަ ރައްދުވާ ފަރާތުން، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން އޮންނަ މުއްދަތުގައި އިސްތިއުނާފު ނުކޮށްފިނަމަ، ދައުލަތުން އެ މައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހެއެވެ.
އެގޮތުން ނިޔާޒުގެ މައްޗަށް ކޮށްފައިވާ މަރުގެ ހުކުމްގެ މައްސަލަ ސުޕްރީމް ކޯޓުގެ އިސްތިއުނާފަށް ހުށަހަޅުއްވަމުން ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ އާއިޝަތު ރީޝާ މިއަދު ވިދާޅުވީ، މަރުގެ އަދަބު ހިމެނޭ މައްސަލަތައް، އޭގެ ޒާތުގައި އިސްތިއުނާފް ކުރުމަށް ގާނޫނުލް އުގޫބާތުގައިވާ ގޮތުގެ މަތިން، އިސްތިއުނާފު ކުރުމަށް މަތީ މަރުހަލާގެ ކޯޓަށް ޕްރޮސިިއުޓާ ޖެނެރަލް ހުށަހެޅުއްވާނެ ކަމަށް ގާނޫނުލް އުގޫބާތުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން އޮތް މުއްދަތުގައި މި މައްސަލަ ރައްދުވާ ނިޔާޒުގެ ފަރާތުން މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލަ ހުށަހަޅުއްވަމުން ރީޝާ ވިދާޅުވީ މިއީ 31 ޖުލައި 2014 ވަނަ ދުވަހުގެ 18:50 އެހާކަންހާއިރު އަލީ ޝިޔާމް، ތުލުސްދޫ، ދުއްފަޅުގޭގެ އިރުއުތުރު ފަރާތުގައި އޮތް ހުސްބިމެއްގައި ހުރި ގަހެއްގައި އެލުވާފައި ހުރި ޖޯއްޔެއްގައި އޮއްވައި ނިޔާޒު، އަލީ ޝިހާމްގެ މެޔަށް ހަމަލާދީ މަރައި މައްސަލައެއް ކަމަށެވެ.
މި ދައުވާއަށް ޖަވާބުދާރީވަމުން ދައުވާގައިވާ ފަދައިން އެކަމަކީ އޭނާ ކޮށްފައިވާ ކަމެއް ކަމަށާއި އަދި އެކަމަކީ އޭނާގެ ހިތުގައި ޝިހާމާ މެދު އޮތް ނަފްރަތެއް ބޮޑުކަމުން ކުރިކަމެއް ކަމަށާއި ޝިހާމް ޖޯލީގައި އޮއްވައި ގެއަށް ގޮސް 11 އިންޗީގެ ވަޅިއެއް ހިފައިގެން ގޮސް ޝިހާމްގެ މެޔަށް ވަޅި ޖެހުމަށްފަހު ގެއަށް ދިޔައީ ކަމަށްވެސް ބުނެފައިވެއެވެ.
އޭރު ޝިހާމް ހަޅޭއްލަވައިގެން ދުއްވައިގަތްކަން އެނގޭ ކަމަށާއި ނަމަވެސް އޭނާގެ ހަކާތަށް ނުބަލައި ގެއަށްގޮސް، އޭނާގެ މަންމަ ކައިރީގައި އެގޭ އެންމެނަށް އަޑުއިވޭގޮތަށް އެ ވާހަކަ ދައްކާފައިވާ ކަަމަށާއި ރައްޓެހިވެގެން އުޅޭ ކުއްޖާއަށް ގުޅާފައި އެވާހަކަ ކިޔައިދިން ކަމަށް ވެސް ބުނެފައިވެއެވެ.
އެއަށްފަހު އަމިއްލައަށް ގޮސް ފުލުހުންނާ ހަވާލުވެ ކަންތައް ހިންގި ގޮތް ކިޔައިދީފައިވާނެ ކަމަށާއި ޝިހާމަށް ވަޅިން ހަމަލާދިނީ މަރާލުމުގެ ގަސްތުގައި ނޫން ކަމަށާއި ނަމަވެސް އޭނާ މަރުވި ކަމަށް ބުނެ ކުރި ދައުވާގެ އަސްލަށް އިއުތިރާފުވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ރީޝާ ވިދާޅުވީ ގިސާސް ހިފުން އޮންނަނީ، މަރުވި މީހާގެ ވާރިސުން އެކަމަށް އެދިއްޖެނަމަ ކަމަށެވެ. މި މައްސަލައިގައި މަރުވެފައިވާ ޝިހާމްގެ ވާރިސުން އެދިފައި ވަނީ ގިސޯސް ހިފުމަށް ކަމަށާއި އެއްވެސް ވާރިސަކު ނިޔާޒަށް މާފު ދީފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ގިސާސް ނޫން އެެހެން ބަދަލެއްގެ މައްޗަށް އެއްވެސް ވާރިސަކު ސުލްހަ ވެފައިނުވާ ކަމަށާއި އެކަންކަމަށް ނިޔާޒުގެ ފަރާތުން ސުވާލު އުފައްދާފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެ މައްސަލައިގައި ނިޔާޒުގެ މައްޗަށް ގިސާސް ހިފުމަށް ލާޒިމުވާ ސަރުތުތައް އެ މައްސަލައިގައި ފުރިހަމަވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި މި މައްސަލައިގައި އަމިއްލަ އިއުތިރާފުންނާއި ހުށަހަޅާފައިވާ ހެކިތަކުން ނިޔާޒުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާ މެރުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމަކީ ގާނޫނުލް އުގޫބާތުގެ ދަށުން ކޮށްފައިވާ ހުކުމެއް ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ނިޔާޒު މެރުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށް، ހައިކޯޓުން ތާއީދުކޮށްފައިވާ ހުކުމަކީ، ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ނިހާއީ ހުކުމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅުއްވައި ދެއްވުމަށް ވެސް އެދުނެވެ.
މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި، ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަލީ ރަޝީދު، މި މައްސަލައިގައި މީގެކުރިން ވެސް ނިޔާޒު ވަކީލަކު ބޭނުން ކޮށްފައިނުވާކަން ފާހަކަ ކުރައްވައި، އަދިވެސް ވަކީލަކު ބޭނުން ކުރުމުގެ ފުރުސަތު އޮތް ކަމަށާއި އެ ފުރުސަތު ބޭނުންވޭތޯ އާއި މާލީ ތަނަވަސްކަން ނެތްނަަމަ ދައުލަތުން ވަކީލަކު ހަމަޖައްސައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ނިޔާޒު ބުނީ ވަކީލަކު ބޭނުން ނޫން ކަަމަށެެވެ.
މި މައްސަލައިގައި ފަނޑިޔާރުން ބައެއް ސުވާލުތައް ކުރެއްވުމަށްފަހު، މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ފަޑިޔާރު އަލީ ރަޝީދު ވިދާޅުވީ، މައްސަލައިގެ ބަޔާންތަައް ބައްލަވައި، މި މައްސަލައިގައި ހިމެނޭ ވާރިސުން ކަށަވަރު ކުރެއްވުމަށްފަހު، އިތުރު އަޑުއެހުމެއް ބާއްވަން ނެތް ނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ.
އިބްރާހިމް ޒަކީ
ރިޕޯޓް
ކާބޯތަކެތި
އެމެރިކާ
ބޮލީވުޑް