ކޮރަޕްޝަން ހުއްޓުވުމަށް ކަމަށްބުނެ ސަރުކާރަށް އައިސް، އެމްޑީޕީން ގެނެސްދިންހާ އެއްޗަކީ ދަރަނީގެ ރަންޒަމާނެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ސައީދު އެހެން ވިދާޅުވެފައިވަނީ، އެމްޑީޕީން އާޓިފިޝަލް ބީޗްގައި މިރޭ 8:30 ގައި ބާއްވާ އެއްވުމަށް ފާޑުވިދާޅުވެ، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ދެއްކެވި ވާހަކައަށް ތާއީދުކުރައްވަމުންނެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ތަންތަން ހުޅުޖަހައި، ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލައި، އެފަދަ އެތައް ކަމަކަށް ހިތްވަރުދިން ބަޔަކު އެއިރު "އިންސާފު" ހޯދުމަށާއި ކޮރަޕްޝަން ހުއްޓުވަން ކަމަށްބުނެ، އެ ޕާޓީއަށް ސަރުކާރު ދޭން އެދުނު ކަމަށާއި ސަރުކާރު ލިބި، ރައްޔިތުންގެ މަޖިލިސް ވެސް ލިބުނު ކަމަށެވެ. އަދި "އެޖެންޑާ19" ތަފާތުވާނެއޭ ވެސް ބުނި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ސުވާލަކީ؛ ހޯދުނު އިންސާފެއް އެބައޮތްތޯއޭ؟ އެޅި އިސްލާހިި ފިޔަވަޅެއް އެބައޮތްހޭ؟،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ އޭގެ ބަދަލުގައި އެމްޑީޕީން ސަރުކާރާއި ކުންފުނިތައް އަޑިނޭނގޭ ފުންމިނަށް ގަންބާލީ ކަމަށާއި ގެނައިހާ އެއްޗަކީވެސް ދަރަނީގެ ރަންޒަމާނެއް ކަމަށެވެ.
"އެ ދަރަނިން އުފެއްދި އާމްދަނީ ލިބޭ އެއްކަމެއް ދައްކަބައްލަވާށޭ؟ ދިނީ ހުސް ބަދަލުނޫންހޭ؟،" ސައީދު ވިދާޅުވިއެވެ.
ގާސިމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެމްޑީޕީން މިރޭ ބާއްވާ މުޒާހަރާއަކީ ފަނާކުރަނިވި މުޒާހަރާއެއް ކަމަށާއި އެއީ ވެރިކަން ހޯދަންވެގެން ކުރާ ބޮޑު ނުބައި ކަމެއް ކަމަށެވެ.
ގާސިމް ވިދާޅުވީ މިހާރު ދައުލަތަށް ލިބޭ ހުރިހާ ފައިސާއެއްގެ ބޮޑުބައި ދަނީ ކުރީ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް ދެއްކުމަށް ކަމަށާއި އެ ދަރަނިތައް ނުދެއްކިއްޖެ ނަމަ، މުޅި ގައުމު ބޭންކްރަޕްޓް ވާނެ ކަމަށެވެ. އެހެންކަމުން މި ސަރުކާރުން އިތުރު ޓެކްސް ނަގައިގެން ވެސް އެކަން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ބާކީ މުސާރަތައް ވެސް އެ ދެއްވަނީ އެގޮތް މިގޮތް ހަދައިގެން. އިސްވެދިޔަ ތިން ހަތަރު ސަރުކާރުން ވެސް ސަރުކާރުގެ ކުންފުނިތަކުން ބޮޑެތި ބޮޑެތި ހިޔާނާތްވެފައި އެބަހުރި. އެ ސަރުކާރުތަކުން އެޅީ ކޮން ފިޔަވަޅެއްތޯ. އެއްކަމެއް ވެސް ނުކުރޭ،" އޭނާ ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ ހިޔާނާތްތަކަށް ކުރީ ސަރުކާރުތަކުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވި ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ފިޔަވަޅު އަޅުއްވަމުން ގެންދަވާ ކަމަށެވެ.
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު