އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ހެދި އެއްބާރުލުން ދިނުމުގެ އެއްބަސްވުންތައް އުވާލާ ފަރާތްތަކުގެ ތަހުގީގު ކުރިއަށްގޮސްފައިވާ ހިސާބު ހިއްސާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގައިފިއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ހިޔާނާތުގެ މައްސަލަތަކުގައި، ވަކި ބައެއްގެ މައްޗަށް ދައުވާނުކުރުމަށް ނިންމާފައިވާ އެއްބަސްވުންތައް ބާތިލުކޮށް، އެ މައްސަލަތަކުގެ ތަހުގީ އަވަސްކޮށް، ހުށަހެޅުމަށް ޕީޖީ އޮފީހުން ވަނީ މިއަހަރުގެ ޖެނުއަރީ 19 ގައި އޭސީސީއަށް އަންގައިފައެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހިމެނޭހެން ޖުމުލަ ހަތަރު މީހެއްގެ އިމިއުނިޓީ އެއްބަސްވުން ބާތިލުކުރުމަށް ޕީޖީ އޮފީހުން އޭރު ވަނީ ނިންމައިފައެވެ. އަދީބުގެ އިތުރުން ދެން ހިމެނެނީ މ. ލޭންޑް އޮފް ގާޑެން، އަހުމަދު އިޝްފާހް އަލީ އާއި މ. ސެސްނާ، މުހައްމަދު އައްލާމް ލަތީފް އަދި ގ. އޮއިވާލި، މުހައްމަދު ހުސައިން އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އެއްބަސްވުންތައް ރައްދުވާ މީހުންގެ މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގޮސްފައިވާ ހިސާބު އެ އޮފީހާ މަޝްވަރާކުރުމަށް މިމަހުގެ 8 ގެ ކުރިން ހުށަހެޅުމަށް މިއަދު ވާނީ އޭސީސީއަށް އަންގާފައި ކަމަށެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ހިޔާނާތުގެ މައްސަލަތަކުގެ ތެރެއިން މައްސަލައެއްގެ ތަހުގީގު ނިންމައި، ދައުވާކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ޕީޖީ އޮފީހުން ބުނެފައެއް ނުވެއެވެ.

ޕީޖީ އޮފީހުގެ ބަޔާނުގައި ބުނީ ފެނަކައިގެ ހިޔާނާތުގެ މައްސަލަތަކަކީ އެ އޮފީހުން ހާއްސަ ސަމާލުކަމެއްދީގެން، އެ މައްސަލަތަކުގެ ތަހުގީގު އަވަސްކޮށްދިނުމަށް އެދި އޭސީސީގައި ދަންނަވާފައިވާ މައްސަލަތަކެއް ކަމަށެވެ.

އެގޮތުން، އޭސީސީއަށް ރައްދުވާ ގޮތަށް މިއަހަރުގެ ޖެނުއަރީ 26 ގައި ނެރެފައިވާ އަމުރާއެކު އިރުޝާދެއް ތައްޔާރުކޮށް، އެ އިރުޝާދުގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގެ ތެރޭގައި އެ މައްސަލަތަކުގެ ތަހުގީގު ފުރިހަމަކޮށް، ހުށަހެޅުމަށް ދަންނަވާފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލަތަކުގައި ކޮންމެ ވަގުތެއްގައި ވިޔަސް، އެ އޮފީހުގެ އެހީތެރިކަން އޭސީސީއަށް ލިބޭނޭ ގޮތަށް ކަންކަން މަގުފަހިކުރުމުގެ ބޭނުމުގައި، ޕްރޮސިކިއުޝަން ޓީމުތަކެއް އެކުލަވާލާފައިވާނެ ކަމަށެވެ. އަދި އެ މައްސަލަތަކުގައި ފުރިހަމަ ފިޔަވަޅު އެޅުމުގެ ގޮތުން، އެ މައްސަލަތަކުން ނުހައްގު މަންފާ ލިބިފައިވާ އާންމު މީހުންގެ ބައި ދިވެހި ފުލުހުންގެ ހިދުމަތާއި އޭސީސީ ގުޅިގެން ފުޅާ ތަހުގީގެއް ކުރިއަށްގެންދިއުމަށް ދަންނަވާފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

"މީގެ އިތުރުން، މި މައްސަލަތަކުގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދެނެގަނެ، އެ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ މަގުފަހިކުރުމުގެ މަސައްކަތް މިދަނީ ކުރެވެމުންނެވެ..،" ޕީޖީ އޮފީހުގެ ބަޔާނުގައި ބުންޏެވެ.

ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާކުރުމުގެ މަސައްކަތް އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށްގެންދިއުމަށް ޕީޖީ އޮފީހާއި، އޭސީސީއާ، ފުލުހުން ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.