ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި އާސެނަލާއި ނަޕޯލީން ރޭ ކުޅުނު މެޗުތައްވެސް ކާމިޔާބު ކޮށްފިއެވެ.
އާސެނަލުން މިހާތަނަށް ލީގު ބުރުގައި ކުޅުނު ދެމެޗުންވެސް މޮޅުވެފައިވާ އިރު، ރޭ އަމިއްލަ ދަނޑުގައި އޮލިމްޕިއާކޮސް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައިވެސް އާސެނަލަށް އެންމެ ބޮޑު ތަފާތެއް ދެއްކީ ގެބްރިއަލް މާޓިނެލީއެވެ. މިހާތަނަށް މިސީޒަނުގައި މާޓިނެލީ ވަނީ ބެންޗުން އަރައި މެޗުތައް އަނބުރާލުމުގައި އެހީތެރިވެދީފައެވެ.
ރޭގެ މެޗުގެ ފުރަތަމަ 11 އަށް އޭނާ ނުކުމެފައިވާ އިރު، މެޗުގައި ގޯލެއް ޖެހުމުގެ އިތުރުން މޮޅަށް ކުޅެފައިވެއެވެ.
މެޗުގެ ކުރީކޮޅުގައިވެސް މާޓިނެލީއަށް ގޯލް ޖެހުމަށް ފުރުސަތެއް ލިބި ބޭކާރުވި އިރު، 12 ވަނަ މިނެޓުގައި އާސެނަލް ލީޑު ނެގިއެވެ. މާޓިނެލީ ގޯލު ޖެހީ ވިކްޓޯ ޔޯކެރޭޝް އުފެއްދި ހަމަލާއެއްގެ ރީބައުންސް ބޯޅައިގެ ބޭނުން ހިފައިގެންނެވެ.
މެޗުގެ ފަހު ހާފުގައި އޮލިމްޕިއާކޮސްއިން ގޯލަކާ ގާތްކުރި ނަމަވެސް، ނިމެން ދަނިކޮށް މާޓިން އޮޑެގާޑްގެ ބޯޅައެއްގައި ސަކާ ވަނީ އާސެނަލަށް މެޗު ޔަގީން ކޮށްދީފައެވެ.
ނަޕޯލީން ރޭ އަމިއްލަ ދަނޑުގައި ސްޕޯޓިން ލިސްބަން ބަލިކުރީ މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް އެ ކްލަބާ ގުޅުނު ރަސްމުސް ހޮއިލުންޑްގެ ދެ ގޯލާއެކު 2-1 އިންނެވެ.
ފުރަތަމަ ހާފުގައި ހޮއިލުންޑް ޖެހި ގޯލުން ނަޕޯލީ ލީޑު ނެގި އިރު، ދެވަނަ ހާފުގައި ލުއިސް ސުއާރޭޒްގެ ޕެނަލްޓީއެއްގައި ސްޕޯޓިން އެއްވަރުކުރިއެވެ. އެ ގޯލާއެކު މެޗު އެއްވަރުވާން ދަނިކޮށް، 79 ވަނަ މިނެޓުގައި ހޮއިލުންޑްގެ ދެވަނަ ގޯލާއެކު ނަޕޯލީން ތިން ޕޮއިންޓް ޔަގީންކުރިއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު