އޮޑިޓާ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅު އެޅުން އަވަސްކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅަން ހަމަޖެހިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފެށުމުގެގޮތުން މާދަމާ ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހެޅުމަށް ވަނީ އެޖެންޑާކޮށްފައެވެ.

އެ ގަރާރު ހުށަހަޅުއްވަނީ، މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒެވެ.

ބޭރު ގައުމުތަކަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުން ހަމަޖެއްސެވުމަށާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހަތަރު މެންބަރުން އައްޔަންކުރެއްވުމަށާއި، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ މެންބަރުން އައްޔަންކުރެއްވުމަށާއި، ހިޔުމަންރައިޓްސް ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް އެ މައްސަލައަކާ ގުޅޭ ކޮމިޓީއަކަށް ފޮނުވަން ވަނީ އެޖެންޑާކޮށްފައެވެ.

މީގެ އިތުރުން "އިންސްޓްރުމަންޓް ފޯ ދަ އެކްސެޕްޓެންސް އޮފް ދަ 1986 ކޮންސްޓިޓިއުޝަނަލް އެމެންޑްމަންޓް" ރާއްޖެއިން ބަލައިގަނެ ތަސްދީގު ކުރުމާމެދު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސަކުރުމަށް ކަމާބެހޭ ކޮމިޓީއަށް ފޮނުވުމަށްވެސް ވަނީ އެޖެންޑާކޮށްފައެވެ.

މަޖިލީހަށް ތައާރަފުކުރާ ބިލުގެ ގޮތުގައި، އިދިކޮޅު އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް ހުށަހަޅުއްވާފައިވާ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވެސް ވަނީ އެޖެންޑާކޮށްފައެވެ.

މީގެ އިތުރުން ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ ރީ-އެމްޕްލޯއިމަންޓް ބިލު އެޖެންޑާކޮށްފައިވާ އިރު، އެ ބިލާއެކު ފެނަކައިގެ ކޮރަޕްޝަނާބެހޭ ގަރާރުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދަން ވަނީ އެޖެންޑާކޮށްފައެވެ.