ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެންމެފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން މިރޭ ކުޅުނު މެޗުގައި ބުރު ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.
މިރޭ ގައުމީ ދަނޑުގައި މާޒިޔާއިން ބުރު ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް މި ސީޒަނުގެ ލީގުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ، މާޒިޔާ މިވަގުތު އެއްވަނައިގައި އޮތީ ނުވަ ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ވަނީ ދެ މެޗުން ހަޕޮއިންޓް ލިބިފައެވެ.
މާޒިޔާއާއި އޮޑީގެ އިތުރުން ނިއު ރޭޑިއަންޓްވެސް މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވަމުންދާ އިރު، ހަފުތާ ނިމޭއިރު ތާވަލަށް ބަދަލު އައުން އެކަށީގެންވެއެވެ.
މިރޭގެ މެޗަށް ބުރުންވެސް ނުކުތީ ރަނގަޅު ފޯމެއްގައި އޮވެގެންނެވެ. ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗުން އެއްވަރުވެ، އަނެއް މެޗުން މޮޅުވެގެން ބުރުން މާޒިޔާއާ ދެކޮޅަށް ނުކުތް އިރު، މެޗުގެ ކުރީކޮޅުގައި ދެޓީމުންވެސް ބެލީ ބޯޅަ ހިފަހައްޓައިގެން ކުޅުމަށެވެ.
ކުރީކޮޅުގައި ދެޓީމުގެ ހަމަލާތައްވެސް ފެނުނެވެ. މާޒިޔާގެ ރަނގަޅު ހުރަސްތަކެއް ފެނިގެން ދިޔަ އިރު، ބުރުގެ ހަމަލާތައް ހުއްޓުވުމުގައި މުހިއްމު ރޯލެއް އަދާކުރީ އަނިޔާއަށްފަހު މާޒިޔާގެ ފުރަތަމަ 11 އަށް ނުކުތް، ގައުމީ ޓީމުގެ ކީޕަރު ހުސައިން ޝަރީފެވެ.
މެޗުގައި މާޒިޔާއިން ލީޑު ނެގީ 33 ވަނަ މިނެޓުގައެވެ. ނާއިޒް ހަސަން (ދާދު) ފްލިކަކުން ޖައްސާލި ޕާހަކަށް ހަމްޒާ މުހައްމަދު (ހަމްޕު) މަސައްކަތްކޮށް، އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާ އަމާޒުކޮށްލީ ސީދާ ގޯލުގެ ކަނަށެވެ.
ހާފު ނިމުމުގެ ކުރިން މާޒިޔާއިން ލީޑު ފުޅާވެސް ކުރިއެވެ. މެޗުގެ 41 ވަނަ މިނެޓުގައި މާޒިޔާގެ ދެވަނަ ގޯލު ޖަހައިދިނީ ދާދުއެވެ. މެދުތެރެއިން ރަނގަޅު ކުޅުމަކާއެކު އިބްރާހީމް އައިސަމް ޖައްސާލި ބޯޅަ ދާދު އޭރިއާ ބޭރުން ގޯލަށް ފޮނުވާލި އިރު، އެ ބޯޅަ ގޯލަށް ވަނީ ޓެކުލް ކުރި ކުޅުންތެރިޔާ ފައިގައި ޖެހިފައެވެ.
މާޒިޔާއިން މެޗުގެ ކޮންޓްރޯލް ހޯދައިގެން ދެވަނަ ހާފަށް ނުކުމެފައިވާ އިރު، ހާފުގެ ކުރީކޮޅުގައި މެޗުގެ ތިން ޕޮއިންޓް ޔަގީންވެސް ކުރިއެވެ. އެގޯލު ޖެހީ 59 ވަނަ މިނެޓުގައެވެ. އައިސަމް އަރިމަތިން ނަގައިދިން ހިލޭ ޖެހުން ނުރައްކާތެރިކޮށް ގޯލަށް ވަނީ އެއްވެސް ކުޅުންތެެރިއެއް ގައިގައި ނުޖެހިއެވެ.
އެ ގޯލުގައި ކީޕަރަށް އުނދަގޫވީ ކީޕަރު ކުރިމަތިން ދާދު ހުރަސްކޮށްލައި، އޮޅުވާލުމުންނެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު