ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓްރީން ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓްރީން ޓީސީ ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗަށް ޔުނައިޓެޑް ވިކްޓްރީއާއި ޓީސީ ސްޕޯޓްސް ކްލަބު ނުކުތީ މީގެ ކުރިން ލީގުގައި ކުޅުނު ދެމެޗުންވެސް މޮޅެއް ނުހޯދި އޮވެގެންނެވެ.

އެ ހާލަތު ބަދަލުކުރުމަށް ދެޓީމުންވެސް މިއަދުގެ މެޗަށް ނުކުތީ މުހިއްމު މޮޅެއް ހޯދުމަށެވެ. އެ ޕްރެޝަރާއެކު ދެޓީމުންވެސް ނުކުތް މެޗުގެ ކުރީކޮޅުގައި ނުރައްކާތެރި ހަމަލާއެއް ފެނިގެން ގޮސްފައި ނުވާ އިރު، ހާފު ނިމެން ދަނިކޮށް، 44 ވަނަ މިނެޓުގައި ޓީސީން ލީޑު ނެގިއެވެ.

އަހުމަދު ރިލްވާން (ބެން) ޖެހި ގޯލާއެކު ޓީސީން ލީޑު ނެގި އިރު، އެ ހާލަތު ބަދަލުވެގެން ދިޔައީ ދެވަނަ ހާފުގައެވެ.

30 ސެޕްޓެމްބަރު 2025، މާލެ، ދިވެހި ޕްރިމިއާ ލީގުގައި ޓީސީއާއި ޔުނައިޓެޑް ވިކްޓްރީ ވާދަކުރި މެޗުގެ ތެރެއިން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ދެވަނަ ހާފަށް ނުކުމެ، ޔުނައިޓެޑް ވިކްޓްރީން ނަތީޖާ އަނބުރާލީ އަވަސް ގޯލްތަކަކާއެކުގައެވެ. ހާފު ފެށިގެން، 48 ވަނަ މިނެޓުގައި ހުސައިން ސުހާދް ސުހާން ޔޫވީއަށް ނަތީޖާ އެއްވަރުކުރި އިރު، 10 މިނެޓް ތެރޭގައި އޭނާ ފުރިހަމަ ކުރިއެވެ.

އުމުރުން 17 އަހަރުގެ ސުހާދް 10 މިނެޓް ތެރޭގައި ތިން ގޯލް ޖަހައި، ހެޓްރިކް ފުރިހަމަކުރި އިރު، އެހިސާބުން ޔޫވީން މެޗުގެ ކޮންޓްރޯލް ނެގިއެވެ. އޭގެފަހުންވެސް ޔޫވީން ބޮޑަށް ނުރައްކާ ކުރި އިރު، ބަދަލަކަށް ނުކުތް ޝަނާން ރަޝާދަށްވެސް ރަނގަޅު ފުރުސަތެއް ލިބިގެން ދިޔައެވެ.

30 ސެޕްޓެމްބަރު 2025، މާލެ، ދިވެހި ޕްރިމިއާ ލީގުގައި ޓީސީއާއި ޔުނައިޓެޑް ވިކްޓްރީ ވާދަކުރި މެޗުގެ ތެރެއިން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ޔޫވީގެ ހަތަރުވަނަ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ، ހިލޭ ޖެހުމެއްގައި އިޝް އާފު މުހައްމަދު ފިރާގެވެ. އޭނާ ހިލޭ ޖެހުން ގޯލަށް ވައްދާލީ، ވޯލްގައި ތިބި ކުޅުންތެރިން ފައި ދަށުން ތިރިން ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. އެ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ނުކުންނާނީ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.