ރާއްޖޭގެ އެންމެ މަތީ ފަންތީގެ ފުޓުބޯޅަ ގާތްގަނޑަކަށް ދެ އަހަރު ދުވަހަށް މެދުކެނޑުމަށްފަހު އަލުން ފެށި އިރު، ޓީމުތައް ވަރުގަދަކޮށް އޮތުމުގެ ފައިދާ ގައުމީ ޓީމަށް ކުރާނެ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ކޯޗުކަން ކޮށްދެމުން އަންނަ ސްޕެއިންގެ ތަޖުރިބާކާރު ކޯޗު، ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ.
މިހާތަނަށް މި ސީޒަނުގެ ލީގުގައި މާޒިޔާއިން ކުޅުނު ދެމެޗުންވެސް އެޓީމު މޮޅުވެފައިވާ އިރު، އެންމެފަހުން ހަތަރު ފަހަރުވެސް ލީގު ހޯދާފައި ވަނީ މާޒިޔާ ކަމަށްވުމާއެކު އެޓީމަކީ ފެވަރިޓުންނަށް ވާނެ އެވެ. ސީޒަން ނުފެށި ދިގުލައިގެންދާތީ ބޭއްވި އެފްއޭއެމް ލީގު ކަޕާއި ޗެރިޓީ ޝީލްޑްވެސް އުފުލައިލި މާޒިޔާއިން މިހަފުތާގައި ނުކުންނާނީ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
ބުރުން މިހާތަނަށް ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗުން މޮޅު ވެ، އަނެއް މެޗު އޮތީ އެއްވަރު ކޮށްފައެވެ.
މިރޭގެ މެޗާ ގުޅޭ ގޮތުން ޕްރި މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ހެނާންޑޭޒް ބުނީ މިފަހަރު ލީގުން ވަރުގަދަ ހައެއްކަ ފާހަގަކުރެވޭ ކަމަށެވެ.
"ހަތަރެއް ނޫނީ ފަހެއް، ނޫނީ ހަ ޓީމެއް އެބަ އުޅޭ އެންމެ މަތީ ލެވަލަށް ދާން ބޭނުންވާ، ލީގަށް ވާދަކުރަން ބޭނުންވާ. އެހެންވީމަ، މި ވާދަވެރިކަން ފެންނާނީ ވަރަށް ރަނގަޅަށް. އެންމެ ފަހުވަގުތާ ޖެހެންދެން ލީގު ހޯދަން މަސައްކަތް ކުރާނެ ޓީމުތަކެއް އެބަ އޮތް. މީގެ ފައިދާ ހަގީގަތުގައި ގައުމީ ޓީމުން ފެންނާނެ ކަމަށް އުންމީދު އެބައޮތް،" ހެނާންޑޭޒް ބުންޏެވެ.
ހެނާންޑޭޒް ބުނީ ސީޒަން ފެށުމުގެ ކުރިން މާޒިޔާ ދޫކޮށް ރަނގަޅު ކުޅުންތެރިންތަކެއް ދިޔަ ކަމަށާއި، އެ ކުޅުންތެރީންނާއެކު މިހާރު އެހެން ކްލަބުތައް އިތުރަށް ވަރުގަދަވެފައިވާ ކަމަށެވެ.
އޭގެ އިތުރުން ހެނާންޑޭޒް ބުނީ ބުރު ސްޕޯޓްސް ކްލަބަކީވެސް މިދިޔަ މެޗުތަކަށް ބަލައި، ތަފާތު ރޫހެއް އޮތް، ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތް ކުރާ ހިތްވަރު ގަދަ ޓީމެއް ކަމަށެވެ. އެމެޗު ޗެލެންޖިން ވާނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
މިހަފުތާގެ ލީގު މެޗުތަކަށްފަހު، ގައުމީ ޓީމުގެ މެޗުތަކަށް ސީޒަން ބްރޭކަށް ދާ އިރު، ކޯޗު ހެނާންޑޭޒް ބުނީ ބްރޭކްގައި ގައުމީ ޓީމަށް ގިނަ ކުޅުންތެރިން ދިޔުމުން ފަރިތަކުރުންތަކަށް ޗެލެންޖްތައް ހުންނާނެ ކަމަށެވެ. އެހެން ނަމަވެސް އަނިޔާގައި ހުރި އެއްވެސް ކުޅުންތެރިޔަކާ ދޭތެރޭ ރިސްކް ނުނަގައި، ޒުވާން ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންނާއެކު މަސައްކަތްތަކެއް ކުރާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.
މުޙައްމަދު ޝަމްޢޫން
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު