މަސްވެރިންނަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ލޯނަށް އެދޭގޮތް ފަސޭހަކޮށްދިނުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވެފައިވަނީ، ކެޔޮޅުންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއީ ރައީސް، ކެޔޮޅުންނާ ބައްދަކުރެއްވި ތިންވަނަ ފަހަރެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި މަސްވެރިން ހިއްސާކުރި ކަންކަމުގެ ތެރޭގައި، ރާއްޖޭގެ އެންވެރިކަން ދަށްވުމާއި، މަސްވެރިންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ލޯނަށް އެދުމުގައި ހުރި ދަތިތަކާއި، މަސްވެރިކަމުގެ ލައިސަންސް ހޯދުމަށް ދިމާވާ ދަތިތައް ހިމެނެއެވެ.
ރައީސް އޮފީހުން ބުނީ ސަރުކާރުން މަސްވެރިންނާ އަދި ކެޔޮޅުންނާ ގާތުން، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވި ކަމަށެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން މަސްވެރިންނަށް ބޭންކުން ދޫކުރާ ލޯނަށް އެދޭގޮތް ފަސޭހަކޮށްދެއްވުމާއި، ހުށަހަޅަންޖެހޭ ލިޔެކިޔުން މަދުކުރެވޭނެ ގޮތަކަށް އެކަން ކުރެވޭނެތޯ ބޭންކަށް އަންގަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި، ކެޔޮޅުން ވަނީ މަސްވެރިކަމުގެ ސިނާއަތުގައި ރަނގަޅުކުރުމަށް ބޭނުންވާ ކަންކަން ރައީސްއާ ހިއްސާކޮށްފައި ކަމަށެވެ. އެގޮތުން މަސްވެރިން އެންމެ ބޮޑަށް ބޭނުންވީ، މަސްކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކުރާނެ ތާރީހަކާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެކުރިން ރައީސްއާ ބައްދަލުކޮށް، ކެޔޮޅުން ހިއްސާކުރި ބައެއް ކަންކަމާއި، ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކޮށްފައިވާ ކަންކަން ފާހަގަކޮށް، އިތުރަށް ރަނގަޅުކުރަން ބޭނުންވާ ކަންކަންވެސް ކެޔޮޅުން މިއަދު ހިއްސާކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަސްގަންނަ އަގު ބޮޑުކުރެވޭނީ، މަސްކިރާތާ 48 ގަޑިއިރުތެރޭ ފައިސާދިނުމުގެ ކަންކަން މެދުނުކެނޑޭނެކަން ޔަގީންވެ، ކަންކަން އެގޮތަށް ހަމަޖެހުމުން ކަމަށެވެ. ނަމަވެސް މަސް ގަންނަ އަގު ބޮޑުކުރައްވާނެކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.
އޭގެ އިތުރުން ވ. އަތޮޅުގައި ހިންގާ ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށްގެންދަވާނީ މަސްވެރިންނާއި މަޝްވަރާކޮށްގެން، މަސްވެރިންގެ ހިޔާލާ އެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އެސްޓީއޯއިން ތެޔޮ ވިއްކާ އަގުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ވިއްކުމަށް ކުރަމުންދާ މަސައްކަތް ކުރިއަށްދާގޮތުގެ ތަފްސީލު އެ ބައްދަލުކުރެއްވުމުގައި ކެޔޮޅުންނާ ހިއްސާކުރެއްވި ކަމަށާއި އެގޮތުން އެ މަސައްކަތް އަންނަ އަހަރުގެ މާޗް މަހަށް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މިފްކޯއިން ތެޔޮ ވިއްކަން ފަށަން ކުރަމުންދާ މަސައްކަތުގެ ތަފުސީލުވެސް އެ ބައްދަލުކުރެއްވުމުގައި ކެޔޮޅުންނާ ހިއްސާކުރެއްވިއެވެ.
ރައީސް އޮފީހުން އިތުރަށް ބުނީ އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެގޮތަށް، ވީހާވެސް އަވަހަށް ކަންކަން ކުރައްވައި، މަސްވެރިންނާ އަދި ކެޔޮޅުންގެ ކަންކަން ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމުގެ ޔަގީންކަން ދެއްވާފައި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު